މީޑިއާ ކޮމިޝަނުން މައްސަލަ ބަލައި ފިޔަވަޅު އަޅާނެ އާ ގަވާއިދެއް އާންމުކޮށްފި

މީޑިއާ ކޮމިޝަނުން މައްސަލަ ބަލައި ފިޔަވަޅު އަޅާނެ އާ ގަވާއިދެއް އާންމުކޮށްފި

Author
އަހުމަދު
28 އޭޕްރިލް 2026 06:16
0

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައި، މީޑިއާތަކާމެދު ފިޔަވަޅު އެޅުމާބެހޭ އާ ގަވާއިދެއް އެ ކޮމިޝަނުން އާންމުކޮށްފިއެވެ.

އަލަށް އާންމުކުރި މި ގަވާއިދުގެ ދަށުން، އާންމުން ހުށަހަޅާ ޝަކުވާތަކުގެ އިތުރުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށްވެސް މީޑިއާތަކުގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ލިބިގެންވެއެވެ. ކޮންޓެންޓަކާ ގުޅޭ ޝަކުވާއެއްނަމަ، އެ ކޮންޓެންޓެއް ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓްކުރާ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހަޅަންޖެހޭނެއެވެ. ޝަކުވާއެއް ލިބުމުން މައްސަލަ ރައްދުވާ ފަރާތަށް އެކަން އަންގަންޖެހޭއިރު، ލިޔުމުން ޖަވާބުދާރީވުމަށް ބަންދު ދުވަސް ހިމެނޭހެން 7 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި މި މުއްދަތު އިތުރުކޮށްދިނުމަށް އެދުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އާންމު އުސޫލެއްގެ ގޮތުން 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމަންޖެހޭނެ ކަމަށާއި، އެ މުއްދަތުގައި ނުނިމިއްޖެނަމަ ސަބަބު ބަޔާންކޮށް ޝަކުވާ ހުށަހެޅި ފަރާތަށް އަންގަންޖެހޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގައި މީޑިއާތައް ޖޫރިމަނާކުރެވޭނެ އުސޫލުތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ބްރޯޑްކާސްޓަރުން ގާނޫނާ ނުވަތަ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ 50،000 ރުފިޔާއާއި 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ނޫސް މަޖައްލާތައް ގާނޫނާ ހިލާފުވެއްޖެ ހާލަތެއްގައި 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން، މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލުކުރަން ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރުވެސް މި ގަވާއިދުގެ ދަށުން ކޮމިޝަނަށް ލިބިދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.