ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް އަޚުލާޤީ ގޮތުން ދަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އާންމުކުރި 'އައިޝާ' ޑޮކުމެންޓްރީގެ މައްސަލައިގައި، އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން މިރޭ ހިފަހައްޓައިފިއެވެ.
މި މައްސަލައިގައި ފުލުހުން ފަށާފައިވާ ޖިނާއީ ތަޙުޤީޤުގެ ތެރެއިން، ކޯޓު އަމުރެއްގެ ދަށުން މިރޭ ވަނީ އަދަދު ނޫހުގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ތިން މަސް ދުވަހުގެ މުއްދަތަށް ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އޭނާ ރާއްޖެއިން ފުރައިގެން ދާން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވުމާއެކު، އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީއެވެ.
މި އަމުރުގައި ފިޔާޒުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ރައީސް މުޢިއްޒަށް ނިސްބަތްކޮށް ގަޒުފްކޮށްފައިވާ މައްސަލައިގައެވެ. އެގޮތުން ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީފައިވާއިރު، އެއީ ދޮގު ތުހުމަތެއްކަން އެނގިހުރެ ޒިނޭގެ ތުހުމަތު ކުރުމުގެ ކުށެވެ. މިއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށަކަށްވާއިރު، ކުށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހުގެ ޖަލު ޙުކުމަކާއެކު 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު އަންނާނެއެވެ.
'އައިޝާ' ޑޮކުމެންޓްރީގައި ކާކުކަން ނޭނގޭ އަންހެނަކު ބޭނުންކޮށްގެން ރައީސަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް ވަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ދޮގު ވާހަކަ ފެތުރި ފަރާތްތަކާ ދެކޮޅަށް ދަޢުވާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ގޮވާލެއްވުމާ ގުޅިގެން، ފުލުހުން ވަނީ މި މައްސަލައިގެ ތަޙުޤީޤު ފަށައިފައެވެ.
ކޮމެންޓު ފޮނުވާ