ބްރެޒިލްއިން ރާއްޖެ އައި ދެ މީހެއްގެ އަތުން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާ ތަކެތި އަތުލައި ގަނެފިއެވެ.
ބްރެޒިލްއިން ރާއްޖެ އައި ދެ މީހެއްގެ އަތުން އަތުލައި ގަތް މަސްތުވާތަކެތީގައި ޖުމްލަ 3.12 ކިލޯ ހުރިކަމަށް ކަސްޓަމަސް އިން ބުނެއެވެ. ކަސްޓްމްސް އިން ބުނެފައިވަނީ ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތަކާއި ލަޓްވިއާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މިދިޔ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 23 އަހަރުގެ ލަޓްވިއާ ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، މިމީހާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިކަމަށެވެ.
އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.466 ކިލޯގުރާމް ހުރިކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މިދިޔަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ރާއްޖެ އައި 21 އަހަރުގެ ބްރެޒިލް ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން މީނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 66 ކެޕްސޫލް ފެނިފައިވާކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮސިޓިވް ވެފައިވާކަމަށެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 654.4 ގްރާމް ހުރިކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 10921400 (ދިހަ މިލިއަން ނުވަލައްކެ އެކާވީސްހާސް ހަތަރުސަތޭކަ) ރުފިޔާއަށް އަރައެވެ. އަދި މިމައްސަލަތަކުގައި ޝާމިލްވާ ދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލު ކޮށްފައިކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކޮމެންޓު ފޮނުވާ