ސްރީލަންކާގައި ހަލުވިކަމާއެކު ފެތުރެމުންދާ ޑެންގީ ހުމުގެ ނުރައްކާ އަދިވެސް ކުޑަނުވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 1،217 މީހުންނަށް މި ބަލި ޖެހިއްޖެއެވެ.
މި އަހަރުގެ މިހާތަނަށް އެ ގައުމުން 55،406 މީހުންނަށް ޑެންގީ ޖެހިފައިވާއިރު، މި ބަލީގައި 32 މީހަކު ވަނީ މަރުވެފައެވެ. ލަންކާގެ ނެޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި އެންމެ ގިނައިން ބަލި މީހުން ފެނިފައިވަނީ ހުޅަނގު ޕްރޮވިންސުންނެވެ. އަދި ބަލި ފެތުރެމުންދާ މިންވަރު އަދިވެސް ހުރީ ކަންބޮޑުވާންޖެހޭ ފަދަ ނުރައްކާތެރި ހާލަތެއްގައެވެ.
މި ބަލިމަޑުކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ގައުމުގެ ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ސިއްހީ އިދާރާތަކުން ވަނީ ދީފައެވެ. މިކަމާ ގުޅިގެން، މަދިރި އާލާވާ ތަންތަން ނައްތާލައި މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އާންމުންނަށް އިލްތިމާސްކޮށްފައިވާއިރު، ގައުމީ ފެންވަރުގައި މަދިރި ނައްތާލުމުގެ ހާއްސަ ޕްރޮގްރާމްތަކެއް މިހާރު ވަނީ ހިންގަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ