އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން ވާގަސް 25 އަހަރަށް އަދި ދިވެހި ނަރުސް ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް މިދިޔަ މަހު ކޯޓުން ކަނޑައަޅާފައިވާއިރު، މިއަދު ބާއްވާފައިވަނީ އަދަބު ކަނޑައެޅުމުގެ މަޖިލީހެވެ. މާވިންގެ މައްޗަށް ސާބިތުވެފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އަދި ލަމްހާގެ މައްޗަށް ސާބިތުވީ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ.
ދައުލަތުން އެދުނު ގޮތަށް މާވިންއަށް 25 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، ގާޒީ ފާހަގަކުރެއްވި ގޮތުގައި މިއީ އެއްވެސް ކުށެއް ނެތް މީހަކު މަރާލައި، އެކަން ފޮރުވަން މަސައްކަތްކޮށްފައިވާ މައްސަލައެކެވެ. މާވިން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން އޭނާ ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހެވެ.
އަނެއްކޮޅުން، ލަމްހާ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް، ގާޒީ ވަނީ އޭނާ ގޭބަންދުގައި ބަހައްޓަންޖެހޭ ފަދަ ހާލަތެއް ނެތްކަމަށް ކަނޑައަޅައި، 15 އަހަރާއި ހަތަރު މަހަށް ޖަލަށްލުމަށް ހުކުމްކުރައްވާފައެވެ. ބަންދުގައި ހޭދަކުރި މުއްދަތު ކަނޑާލުމުން ލަމްހާ ދެން ޖަލުގައި ހޭދަކުރަންޖެހޭނީ 12 އަހަރެވެ.
މޭރީއާއި މާވިން އަދި ލަމްހާއަކީވެސް އައިޖީއެމްއެޗްގެ ކެޝުއަލްޓީގައި މަސައްކަތްކުރި ނަރުހުންނެވެ. 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ ދަންޖެހިގެން މަރުވިކަމަށް ބުނެ މާވިން ރިޕޯޓުކުރި ނަމަވެސް، ފުލުހުންގެ ތަހުގީގަށް ފަހު އެއީ މާވިންއާއި ލަމްހާގެ ސިއްރު ލޯބީގެ ގުޅުމުގެ ތެރެއިން ރާވައިގެން ހިންގާފައިވާ ގަތުލެއްކަން ވަނީ ހާމަވެފައެވެ.
ކޮމެންޓު ފޮނުވާ