އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ޝަކީލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ޝަކީލް މި މަޤާމަށް ހަމަޖައްސަވާފައި މިވަނީ، އެ ކޮމިޝަނުގެ ރައީސްކަމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި މަޖިލީހުގެ ރުހުމާއެކު އޭނާ ކޮމިޝަނުގެ މެންބަރުކަމަށް ރައީސް އައްޔަންކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
މިއީ އީސީގެ މެންބަރުކަން ޝަކީލް ފުރުއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އޭނާ ވަނީ އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން 2013 އިން 2014 އަށް އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރެއްވިއެވެ.
މި ސަރުކާރުގައި އީސީއާ އަލުން ގުޅިވަޑައިގަތުމުގެ ކުރިން ޝަކީލް ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައެވެ.
ކޮމެންޓު ފޮނުވާ