2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއަށް ޚަރަދުކުރި މީހުންގެ ތަޙުޤީޤު އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގައިފިއެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދޭގޮތުގައި، މި ޓެރަރިޒަމްގެ އަމަލަށް ފައިނޭންސް ކުރި ފަރާތްތަކުގެ މައްސަލައިގެ ތަޙުޤީޤު ވީ އެންމެ އަވަހަކަށް ނިންމައި އެ އޮފީހަށް ހުށަހެޅުމަށް ފުލުހުންނަށް ލަފާދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މި ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދާއިރު، އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މާރިޗު 13 ގައެވެ. އެ މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.
މި ޙަމަލާއާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން މިދިޔަ މާރިޗު މަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ދިފާޢީ ވުޒާރާގައި އެބަހުރި ކަމަށާއި، މަޖިލީހުން އެދިއްޖެނަމަ އެ މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ. އަދި ޤާނޫނީ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ހުރިހާ ފަރާތްތަކަށް ޤައުމީ ދިފާޢީ ބާރުން އެކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން މި ބޮމުގެ ޙަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވާ ފަދަ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ އޭޑީކޭ ހޮސްޕިޓަލުގައި ގިނަ އޮޕަރޭޝަންތަކެއް ކުރެއްވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށްވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ