ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގެ އިތުރު ބުރު: %50 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގެ އިތުރު ބުރު: %50 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

Author
ހުސެއިން
18 އޭޕްރިލް 2026 03:29
0

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، މިހާތަނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިޚާބުގައި މެންދުރު 2:00 އާ ހަމައަށް 3،353 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ޖުމްލަ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 6،093 މީހުންގެ ތެރެއިން %55.03 އެވެ. މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 1،625 އަންހެނުންނާއި 1،728 ފިރިހެނުންނެވެ. އަދި ވޯޓު ނުލާ 2،740 މީހުން އެބަތިބިކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޖުމްލަ އާބާދީގައި ހިމެނެނީ 2،901 އަންހެނުންނާއި 3،192 ފިރިހެނުންނެވެ.

މި އިންތިޚާބުގެ ވޯޓުލުން ޖުމްލަ ފަސް ދާއިރާއެއްގައި ކުރިއަށްދެއެވެ. ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ ބ. ދޮންފަނު ކައުންސިލާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރުން ހޮވުމަށެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ހއ. ކެލާ ކޮމިޓީގެ ރައީސާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށްވެސް މިއަދު ދަނީ ވޯޓުލަމުންނެވެ.

މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.