މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ.
އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކޮށްފައިވާ ދާއިމީ ނަތީޖާ ދައްކާގޮތުން ޕީއެންސީއަށް ޖުމްލަ 581 ގޮނޑި ލިބިފައިވެއެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޑަބްލިއުޑީސީ މެންބަރުންގެ ގޮނޑިއެވެ. އެގޮތުން ޑަބްލިއުޑީސީގެ 214 ގޮނޑިއާއި، ކައުންސިލްތަކުން އަންހެނުންނަށް ޚާއްސަ 101 ގޮނޑީގެ އިތުރުން ކައުންސިލް މެންބަރުންގެ 99 ގޮނޑި އަދި ކައުންސިލް ރައީސްކަމުގެ 75 ގޮނޑި ހިމެނެއެވެ. ނަމަވެސް ސިޓީތަކުގެ މޭޔަރުކަމާއި ސިޓީ ޑަބްލިއުޑީސީގެ ރައީސާކަމުގެ އެއްވެސް ގޮނޑިއެއް އެ ޕާޓީއަށް ލިބިފައެއް ނުވެއެވެ.
ދެވަނައަށް އެންމެ ގިނަ ގޮނޑި ހޯދި އިދިކޮޅު އެމްޑީޕީއަށް ޖުމްލަ 562 ގޮނޑި ވަނީ ލިބިފައެވެ. އެ ޕާޓީން ވަނީ މޭޔަރުކަމުގެ 5 ގޮނޑިއާއި، ސިޓީ ކައުންސިލްގެ 41 ގޮނޑިއާއި، ކައުންސިލް ރައީސްކަމުގެ 73 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ކައުންސިލްތަކުން އަންހެނުންނަށް ޚާއްސަ 87 ގޮނޑިއާއި، އާންމު މެންބަރުންގެ 82 ގޮނޑީގެ އިތުރުން ޑަބްލިއުޑީސީގެ ގިނަ ގޮނޑިތަކެއް އެމްޑީޕީން ކާމިޔާބުކޮށްފައިވެއެވެ.
މި އިންތިޚާބުގައި ބޮޑު ދެ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ ގޮނޑި ލިބުނީ 23 ގޮނޑިއާއެކު އެމްޑީއޭ އަށެވެ. އަދާލަތު ޕާޓީއަށް 6 ގޮނޑި، ޖުމްހޫރީ ޕާޓީއަށް 4 ގޮނޑި އަދި ދަ ޑިމޮކްރެޓްސްއަށް 2 ގޮނޑި ލިބިފައިވާއިރު، މިނިވަންކޮށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވަނީ ޖުމްލަ 168 ގޮނޑި ކާމިޔާބުކޮށްފައެވެ.
ކޮމެންޓު ފޮނުވާ