ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބޮޑު ބަދަލާއެކު، މީޑިއާތަކާއި މަދަނީ ޖަމިއްޔާތަކުގެ މެންޑޭޓު އަނެއްކާވެސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓްރީ އުފެދުނީއްސުރެ އެ ވުޒާރާގެ ދަށުގައި މި ދާއިރާތައް އޮތުމަށްފަހު، މި ސަރުކާރުގެ ކުރީކޮޅު އެ ޒިންމާތައް ޔޫތު މިނިސްޓްރީއާ ހަވާލުކުރިއެވެ. ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ" ގެ ނަމަށް އެ މިނިސްޓްރީ ބަދަލުކޮށް، މީޑިއާއާއި ޖަމިއްޔާތަކުގެ ކަންކަން އަލުން ވަނީ އެ ވުޒާރާގެ ދަށަށް ގެނެސްފައެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ އާ މެންޑޭޓަށް ބަލާއިރު، ރާއްޖޭގެ ޕްރިންޓް އަދި އިލެކްޓްރޯނިކް މީޑިއާ ކުރިއެރުވުމުގެ ސިޔާސަތުތައް އެކުލަވާލައި އެކަންކަމަށް މަގުފަހިކޮށްދިނުމާއި، ރާއްޖޭގެ ލިޔުންތެރިންގެ ދަފުތަރެއް އެކުލަވާލައި ބެލެހެއްޓުމަކީ މިހާރު ހޯމް މިނިސްޓްރީގެ ޒިންމާއެކެވެ.
މީގެ އިތުރުން، ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ރަޖިސްޓްރާގެ ޒިންމާތައް އަދާކުރުމާއި، އެ ފަރާތްތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދައިދިނުމަށް މަގުފަހިކުރުން ވެސް ހިމެނެއެވެ. އަދި ގައުމީ ތަރައްގީގައި ޖަމިއްޔާތަކުގެ ދައުރު ފުޅާކޮށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން މަޝްރޫއުތައް ހިންގުމާއި، ޖަމިއްޔާތަކުގެ ގައުމީ ފޯރަމެއް ގާއިމުކުރުމަކީ ވެސް އާ މެންޑޭޓުގެ ދަށުން ހޯމް މިނިސްޓްރީން ކުރަންޖެހޭނެ ކަންކަމެވެ.
ސަރުކާރުގެ އޮނިގަނޑަށް ގެނައި މި ބޮޑު ބަދަލާއެކު، ސަރުކާރު އުފެދުނުއިރު 20 ގައި އޮތް މިނިސްޓްރީތަކުގެ އަދަދު ވަނީ 15 އަށް މަދުކޮށްފައެވެ. މިގޮތުން ގިނަ މިނިސްޓްރީތަކެއް އުވާލައި ނުވަތަ އެހެން ވުޒާރާތަކާ އެއްކޮށްލާފައިވާއިރު، އަލަށް އުފެއްދި ހަމައެކަނި މިނިސްޓްރީއަކީ "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ" އެވެ. އުވާލި މިނިސްޓްރީތަކުގެ ތެރޭގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ޓްރާންސްޕޯޓާއި، ހަޔަރ އެޑިޔުކޭޝަން ފަދަ ވުޒާރާތައް ހިމެނެއެވެ. އާ ކެބިނެޓުގައި ހިމެނެނީ މުޅިން އާ ނަންތަކަކާއި ޒިންމާތަކެއް އެކުލެވޭ 15 ވުޒާރާއެވެ.
ކޮމެންޓު ފޮނުވާ