ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓުގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އެ ރިސޯޓުގެ "ގެދަރިން" އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދޭގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ މެންދުރުފަހު 14:10 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޅ. ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ އޮޕަރޭޝަން ފަށާފައެވެ. ފަޔަރ ފައިޓަރުން ކުރި ބުރަ މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ރޭގަނޑު 21:00 ހާއިރުއެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ތިން ފަންގިފިލާއަށް ހަދާފައިވާ އެ ރިސޯޓުގެ ވަރަށް މުހިންމު ފެސިލިޓީތަކެއް ހިމެނޭ އިމާރާތެއްގައެވެ. އަލިފާންގަނޑު ފެތުރިގެން ދިޔުމުގެ ސަބަބުން އެ އިމާރާތް ވަނީ އެއްކޮށް އަނދާފައެވެ. ނަމަވެސް، މި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ އިތުރުން، މި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި ކައިރީގައި އޮންނަ ސިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުގެ ފަރާތުންވެސް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ