ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހު ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ނިޔާވި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10 ގައި ތަޢުލީމު ޙާސިލްކުރަމުން ދިޔަ އަޙްމަދު ފައުޒާން ނިޔާވި "މާނެރެ" ސަރަހައްދު ބައެއްދުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ޚަބަރު އޮންލައިންނަށް ލިބިފައިވާ މިސިޓީއަކީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ސޮއިކުރައްވައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެކެވެ. މިސިޓީގައި ބުނެފައިވަނީ ފުވައްމުލަކު ބަނދަރެއް ހެދުމުގެ ކުރިން ލަފާފުރުމަށް ބޭނުންކުރަމުންއައި ނެރު (8) ވަނީ ބަނދަރު ހެދުމާއެކު ބޭނުންކުރުން ހުއްޓާލާފައިކަމަށެވެ.
މިނެރުތަކުން ގިނަ ޢަދަދަކަށް ވެއްޔާއި ގާ ބޭރުވަމުންދާތީވެ، މިކަން ހައްލުކޮށް ރަށްގިރުން ކުޑަކުރުމަޓަކައި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފޭސް 2011 ވަނަ އަހަރު ވަނީ ފެށިފައިވާކަމަށް ސިޓީގައި ބުނެފައިވެއެވެ. މިޕްރޮގްރާމުގެ ތެރެއިން ފުވަށްމުލަކުގެ އިރުމަތީ ފަރާތުގެ (4) ނެރު ވަނީ ބަންދުކުރެވިފައެވެ. އަދި އެކަމުގެ ނަތީޖާވެސް ރަގަޅުކަމަށް ރަސްގެފަންނު ސަރަޙައްދަށް ބަލާލުމުން ފާހަގަކުރެވޭކަމަށް މި ސިޓީފައި ބުނެފައިވެއެވެ.
މިކަމަކީ ބޮޑުހިލަ ނުވަތަ ޓެޓްރާޕޮޑް ގަލާއި ހެވީވެހިކަލް ބޭނުންކޮށްގެން ކުރެވޭނެ މަސައްކަތެއްކަމުން އެމްޓީސީސީގެ ބޮޑުޕްރޮޖެކްޓްތަކަށް ހިގަމުންދާތީވެ، މިދުވަސްވަރު މިނެރުތައް ބައްދާލެވޭނެ ގޮތެއް ވެއްޖެނަމަ ކުޑަ ޚަރަދަކުން މިކަން ކުރެވިދާނެ. ވެހިކަލްތައް މިރަށުގައި ތިބުމާއެކު އެމް.ޓީ.ސީ.ސީ އިން ތަފާތު ބަނދަރުތައް ހެދުމަށް ބޮޑުހިލަ މިހާރުވެސް ރާއްޖެ ގެނެވި އެކި ސަރަޙައްދުތަކުގައި އިތުރުވެފައި ހުރުމަކީވެސް އެކަށީގެންވާކަމެއްކަމުން، މިދުވަސްވަރު މިކަން ކުރެވޭނެ ގޮތެއްވެއްޖެނަމަ ދައުލަތަށް ޚަރަދުކުޑަވެ، ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބިގެންދާނެ.
– ސިޓީގައި ބުނެފައިވެއެވެ.
ފުވަށްމުލަކު ގިރާ ސަރަޙައްދު ހިމާޔަށްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފޭސްގެ ގޮތުގައި އެސިޓީގެ ހުޅަނގު ފަރާތުގައިވާ 4 (ހަތަރު) ނެރު ބަންދުކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ވަނި ދަންނަވާފައެވެ. އަދި މިސިޓީއާއެކު ނެރުތައް ބެއްދުމަށް ބޭނުންވާ ގޮތުގެ ކުރެހުންތަކާއި، ބައްދަން ބޭނުންވާ ނެރުތަކުގެ މަޢުލޫމާތުވެސް ހައުސިން މިނިސްޓީއަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ފޮނުވާފައެވެ.
ޏ. ފުވައްމުލަކުގެ މާނޭރެ ސަރަހައްދު މޫދުގައި އޮންނަ އޮއެ ބާރު ނެރުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކާވާތީ އެ ތަން ބަންދު ކުރުމަށް ގޮވާލައި ފުވައްމުލައް ސިޓީ ކައުންސިލަށް މިހާރުވަނީ 200 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.
ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 16:47 ކަންހާއިރު އެވެ. އޭނާ ފެނުނީ 17:50 ކަންހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ފައުޒާން ގެނބުނީ އޭރު އެ ސަރަހައްދުން އޮޔާ ދިޔަ ދެކުއްޖަކު ސަލާމަތްކޮށްދިން ފަހުންނެވެ.
ކޮމެންޓު ފޮނުވާ