މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް އައިސްފައިވާ މަޑުޖެހުމާއެކު، ފުރަތަމަ ފަހަރަށް ތިން ތެޔޮ ޓޭންކަރެއް ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށްފިއެވެ.
ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިހާރު ކުރިއަށްދާ ޞުލްޙައިގެ މަޝްވަރާތަކާ ގުޅިގެން އީރާނުން ދިން ޚާއްޞަ ޙުއްދައިގެ ދަށުން މި އުޅަނދުތަކަށް ވަނީ ދަތުރުކުރުމުގެ ފުރުޞަތު ލިބިފައެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުނު ހަނގުރާމައާ ގުޅިގެން އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ މައި މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއަޅާފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައެވެ. ދާދި ފަހުން އެމެރިކާއާއި އީރާނާ ދެމެދު ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުން ލުއިތަކެއް ދިން ނަމަވެސް، ލުބުނާނަށް ދިން ޙަމަލާތަކަކާ ގުޅިގެން އީރާނުން އަނެއްކާވެސް ދަތުރުފަތުރަށް ދަތިކުރިއެވެ. ހަނގުރާމައިގެ ކުރިން މި މަގުން ދުވާލަކު 140 އަށްވުރެ ގިނަ އުޅަނދު ދަތުރުކުރެއެވެ.
މިހާރު މި ކަނޑުއޮޅި ހުރަސްކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ "ސެރިފޯސް" ޓޭންކަރަކީ ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތުން ތެޔޮ ބަރުކޮށްގެން މެލޭޝިޔާގެ މަލާކާ ބަނދަރަށް ދަތުރުކުރާ އުޅަނދެކެވެ. މި ބޯޓު މި މަހުގެ 21 ވަނަ ދުވަހު މަންޒިލަށް ފޯރާނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ޢިރާޤުން ތެޔޮ ހިފައިގެން ދަތުރުކުރާ "ކޮސްޕަރލް ލޭކް" އާއި ސަޢުދީން ތެޔޮ އުފުލާ "ހީ ރޮންގް ހައި" ވެސް ވަނީ މި މަގުން ދަތުރުކޮށްފައެވެ. މި ދެ އުޅަނދަކީ ޗައިނާގެ ހަކަތައާބެހޭ ކުންފުނި ސިނޮޕެކްގެ ވިޔަފާރި ގޮފި ކަމަށްވާ ޔުނިޕެކުން ޗާޓަރުކޮށްގެން ދަތުރުކުރާ ދެ ބޯޓެވެ.
ކޮމެންޓު ފޮނުވާ