އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ހިންގުން އާ ޗެއަރޕާސަނަކު އިންތިޚާބުކުރެވެންދެން 6 މެންބަރުންގެ ވަގުތީ ކޮމިޓީއަކާ ހަވާލުކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފިއެވެ.
މި ނިންމުން ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ޕާޓީގެ ހިންގުމާ ވަގުތީގޮތުން ހަވާލުވި އިސް ލީޑަރުންގެ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ފައްޔާޒް އިސްމާއީލާއި، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއެވެ.
ޕާޓީ ހިންގުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައި މިވަނީ، ނިމިދިޔަ އިންތިޚާބަށްފަހު އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކަކާއި ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަތައް އެންމެ ބޮޑަށް ފެންމަތިވެގެން ދިޔައީ، އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު، މިހާރުގެ ޗެއާޕާސަނަށް ތާއީދުކުރާ ފަރާތްތަކުން ނުދިން ހިސާބުންނެވެ. އެހެންނަމަވެސް، ޕާޓީ ތެރޭގައި އުފެދުނު މި ހަމަނުޖެހުންތައް މިހާރު ހައްލުކުރެވިފައިވާ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ