ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާތަކެއް ކުރިއަށްދިޔަ ނަމަވެސް، އެ ގައުމަށް އެއްވެސް އިތުބާރެއް ނެތްކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.
އީރާނުގެ މެހެރު ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަރާގްޗީ މިހެން ވިދާޅުވީ ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ އެމެރިކާއާ މެދު އީރާނުން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ތަކުރާރުކުރައްވާފައެވެ. އަދި އީރާނުގެ ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރުމުގައި އެ ގައުމުން ފަހަތަށް ނުޖެހޭނެކަމާއި، އެމެރިކާއާއެކު ކުރެވޭ މަޝްވަރާތަކުގައި އެއްވެސް ދޫދިނުމެއް ނޯންނާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
އެމެރިކާއަށް އިތުބާރު ނުކުރެވޭ ސަބަބުތައް ބަޔާންކުރައްވަމުން އަރާގްޗީ ފާހަގަކުރެއްވީ، އެމެރިކާއަކީ މީގެ ކުރިންވެސް ޑިޕްލޮމެސީގެ އުސޫލުތަކާ ހިލާފުވެ، އެތައް ފަހަރަކު ވައުދުތައް މުގުރާލާފައިވާ ގައުމެއް ކަމަށެވެ. އެގޮތުން، ދެ ގައުމުގެ ގުޅުން އެންމެ ބޮޑަށް ގޯސްވެގެން ދިޔައީވެސް، ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ހިސާބުންކަން ފާހަގަކުރައްވައި، މިއީ އެމެރިކާއަށް އިތުބާރުކުރަންވީ ވަގުތު ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ