އަންދާޒާއަށްވުރެ ބޮޑު ކުރިއެރުމަކާއެކު މާޗު މަހު މީރާއަށް 4.03 ބިލިއަން ރުފިޔާ ލިބިއްޖެ

އަންދާޒާއަށްވުރެ ބޮޑު ކުރިއެރުމަކާއެކު މާޗު މަހު މީރާއަށް 4.03 ބިލިއަން ރުފިޔާ ލިބިއްޖެ

Author
ހުސައިން
10 އޭޕްރިލް 2026 03:45
0

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނިމިދިޔަ މާޗު 2026 ގައި ބަލައިގަތް ޖުމުލަ އާމްދަނީ 4.03 ބިލިއަން ރުފިޔާއަށް އަރައިފިކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ މާޗު މަހު ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ 26.8 އިންސައްތަ އިތުރު އަދަދެކެވެ. އާމްދަނީ މިހާ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޖީއެސްޓީ އާއި، ކުންފުނިތަކާއި އާންމު ފަރުދުން ނޫން ފަރާތްތަކުގެ ޓެކުހުގެ އިތުރުން ގްރީން ޓެކްސް އިތުރުވުމާ ގުޅިގެންކަމަށް މީރާއިން ބުނެއެވެ. ޚާއްސަކޮށް ފެބްރުއަރީ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 18.8 އިންސައްތަ އިތުރުވުމަކީ ޓޫރިޒަމް ޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ފަދަ އާމްދަނީތައް މައްޗަށް ދިޔަ މައިގަނޑު އެއް ސަބަބެވެ.

މާޗު މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީން ލިބުނު 2.4 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ރިޒޯޓު ކުލިން 440 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކުހުން 312 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީން 271 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުން 248 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން އިންކަމް ޓެކުހުގެ ގޮތުގައި 198 މިލިއަން ރުފިޔާ ލިބިފައިވާއިރު، މުޅި ޖުމުލަ އާމްދަނީގެ ތެރޭގައި 205.18 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މާޗު މަހު ލިބުނު އާމްދަނީގެ 31.4 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެކަނިވެސް 882 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ޑިއުސް ކްލިއަރެންސް މެދުވެރިކޮށް ހޯދި 411 މިލިއަން ރުފިޔާއާއި ނޯޓިސް ފޮނުވައިގެން ހޯދި 397 މިލިއަން ރުފިޔާ ހިމެނެއެވެ. ބާކީ ބައި ހޯދާފައިވަނީ ޓެކްސް ދައްކަން ހަނދާންކޮށްދިނުމުގެ ގޮތުން ފޯނުކޮށްގެންނާއި (13 މިލިއަން ރުފިޔާ) އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުންނެވެ (61 މިލިއަން ރުފިޔާ).

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.