ދ. މީދޫ ކައުންސިލް އިންތިޚާބުގެ ވޯޓެއް ބާތިލުކުރުމުން ނަތީޖާ އެއްވަރުވެއްޖެ

ދ. މީދޫ ކައުންސިލް އިންތިޚާބުގެ ވޯޓެއް ބާތިލުކުރުމުން ނަތީޖާ އެއްވަރުވެއްޖެ

Author
ހުސައިން
10 އޭޕްރިލް 2026 03:41
0

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ލާފައިވާ ސައްހަ ނޫން ވޯޓެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލުކުރުމާ ގުޅިގެން، އެންމެ ކުރީގައި އުޅުއްވި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވެއްޖެއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބާތިލުކޮށްފައިވަނީ ލ. ފޮނަދޫގައި ބެހެއްޓި 3 ނަންބަރު ވޯޓު ފޮއްޓަށް ލާފައިވާ ވޯޓެކެވެ. އެމްޑީއޭއިން ފާހަގަކުރި ގޮތުގައި އެ ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވަނީ އެންމެ ހަތަރު މީހުންނެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ވޯޓުލާން ނުދާއިރުވެސް، ހަތަރު ވޯޓު ލާފައިވާކަމަށް ރަސްމީ ނަތީޖާއިން ދެއްކިއެވެ. މި މައްސަލަ ތަހުގީގުކުރުމަށްފަހު އީސީން ވަނީ، ވޯޓުލީ ހަތަރު މީހުންގެ ތެރެއިން އެކަކީ އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހެއް ނޫންކަން ކަށަވަރުކޮށް، އެ ވޯޓު ބާތިލުކުރުމަށް ނިންމާފައެވެ.

އީސީން މައުލޫމާތު ދީފައިވާ ގޮތުގައި އެ ފޮއްޓަށް ލާފައިވާ ހަތަރު ވޯޓުވެސް ލިބިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށެވެ. އެހެންކަމުން ބާތިލުކުރި ވޯޓު، ސުހާއަށް ލިބިފައިވާ ޖުމްލަ ވޯޓުން އުނިކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ކުރިން ދައްކާގޮތުން ސުހާއަށް 393 ވޯޓު ލިބިވަޑައިގެންފައިވާއިރު، އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ. ނަމަވެސް އީސީގެ މި ނިންމުމާއެކު ސުހާގެ ވޯޓުގެ އަދަދު 392 އަށް ވެއްޓި، ދެ ކެންޑިޑޭޓުންގެ ނަތީޖާ މިހާރު ވަނީ އެއްވަރުވެފައެވެ.

އެންމެ ކުރީގައި އުޅުއްވާ ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން ދެން އަމަލުކުރާނެ ވަކި ގޮތެއް އީސީން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް އާންމުކޮށް މިފަދަ ހާލަތްތަކުގައި އޮންނަނީ އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އަލުން އިންތިޚާބެއް ބޭއްވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.