ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ އެއް ލައްކައަށްވުރެ މައްޗަށް ގޮސްފައެވެ.
އިއްޔެގެ ނިޔަލަށް ޗައިނާއިން 100،776 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތީ 85،241 ފަތުރުވެރިންނާއެކު ރަޝިޔާއެވެ. ތިންވަނައަށް އެންމެ ގިނައިން މީހުން އައިސްފައިވާ އިނގިރޭސިވިލާތުން 65،669 މީހުން އައިސްފައިވެއެވެ. މީގެ އިތުރުން ހަތަރުވަނައިގައި އޮތް އިޓަލީން 59،469 ފަތުރުވެރިން އަދި ފަސްވަނައިގައި އޮތް ޖަރުމަނުން 46،688 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ 689،264 ފަތުރުވެރިން ރާއްޖެ އައިސްފައިވީނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 696،058 ފަތުރުވެރިންނާ އަޅާބަލާއިރު 1.0 އިންސައްތައިގެ ދަށްވުމެކެވެ. ހަމައެހެންމެ، މި މަހުގެ ފުރަތަމަ އަށް ދުވަހު ރާއްޖެ އައިސްފައިވާ 40،689 ފަތުރުވެރިންނަކީވެސް މިދިޔަ އަހަރާ އަޅާކިޔާއިރު 26.7 އިންސައްތައިގެ ދަށް އަދަދެކެވެ.
މިގޮތަށް ފަތުރުވެރިންގެ އަދަދުތައް ދަށްވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. ނަމަވެސް، މިހާރު އެ ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލާފައިވުމާއި، މެދުކަނޑާލާފައިވާ ބައެއް އެއާލައިންތަކުގެ ދަތުރުތައް އަލުން ފެށުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަލުން އިތުރުވެގެންދާނެކަމަށް ކަމާބެހޭ ފަރާތްތަކުން އުންމީދުކުރެއެވެ. އަދި މިކަމަށްޓަކައި ކަމާގުޅޭ އިދާރާތަކުން ދަނީ ތަފާތު ހަރަކާތްތައް ހިންގުމަށްވެސް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ