މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ދިވެހިރާއްޖެއަށް މިއަދު ފަށައިފިއެވެ.
އެ އެއާލައިނުން މިހާރު ނިންމާފައިވަނީ މާލެއާއި ދޯހާއާ ދެމެދު ހަފްތާއަކު ފަސް ފްލައިޓު އޮޕަރޭޓް ކުރުމަށެވެ. ދޯހާއަކީ ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިންގެ މައި ޓްރާންސިޓް މަންޒިލަށް ވުމާއެކު، މި ދަތުރުތައް އަލުން ފެށުމަކީ ޔޫރަޕާއި އެމެރިކާ ބައްރުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމެކެވެ.
ގަތަރު އެއާވޭސްގެ ރާއްޖޭގެ ޖެނެރަލް ސާވިސް އެޖެންޓު (ޖީއެސްއޭ) ކަމަށްވާ އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވަނީ ދަތުރުތައް ފެށިކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދު ރާއްޖެ އައި ފުރަތަމަ ފްލައިޓުން 11 ޓަނުގެ ކާގޯ ގެނެސްފައިވާއިރު، ރާއްޖެއިން ފުރައިގެން ދިޔައީ 4،000 ކިލޯގެ އެކްސްޕޯޓު ކާގޯއާއެކުގައެވެ. މިއީ ހަމައެކަނި ފަސިންޖަރުން އުފުލުމުގެ އިތުރުން، ރާއްޖެއަށް ބޭނުންވާ އަވަހަށް ހަލާކުވާ ޒާތުގެ މުދާ (ޕެރިޝަބަލްސް) އެތެރެކުރުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ރޫޓެއްކަން ފިރާގު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ