ލުބުނާނަށް ދޭ ހަމަލާތައް ނުހުއްޓައިފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އިރާނުން ދީފި

ލުބުނާނަށް ދޭ ހަމަލާތައް ނުހުއްޓައިފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އިރާނުން ދީފި

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 10:22
0

ލުބުނާނަށް އަމާޒުކޮށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާނުލައިފިނަމަ، އޭގެ ރައްދު ވަރަށް ހަރުކަށިކޮށް ދޭނެކަމުގެ އިންޒާރު އިރާނުގެ އިންގިލާބީ ފޯސް (އައިއާރުޖީސީ) އިން ދީފިއެވެ.

އިރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އައިއާރުޖީސީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި ޒަޔަނިސްޓުން އެއްބަސްވުންތަކާ ޚިލާފުވަމުންދާ ކަމަށެވެ. އަދި އެމީހުންގެ އަޚުވަންތަ ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާނުލައިފިނަމަ، ލުބުނާނުގެ ދިފާއުގައި އިރާނުން އަދާކުރަންޖެހޭ ވާޖިބު އަދާކޮށް، ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ވަނީ ދީފައެވެ.

އިރާނު ސަރުކާރުން ސިފަކުރާ ގޮތުގައި އިޒްރޭލުގެ މި އަމަލުތަކަކީ މުޅި މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހެވެ. މިކަމާ ގުޅިގެން އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާތައް ހުއްޓާލުމާއި ހަނގުރާމަ ކުރިއަށް ގެންދިއުމަކީ އެއްފަހަރާ ކުރެވޭނެ ދެކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ހަމަލާތައް ހުއްޓާލުން ނުވަތަ އިޒްރޭލު މެދުވެރިކޮށް ހަނގުރާމަ ކުރިއަށް ގެންދިއުން، މި ދެގޮތުން ކުރެ އެއްގޮތެއް އެމެރިކާއިން އިޚްތިޔާރު ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ލުބުނާނުގައި ހިންގަމުންދާ ގަތުލުއާންމުތައް މުޅި ދުނިޔެއަށް ފެންނަމުންދާ ކަމަށާއި، އެމެރިކާއިން އެމީހުންގެ ވައުދުތަކަށް އިހުތިރާމް ކުރޭތޯ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އަރަގްޗީ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.