އެމްޑީޕީ ބޮޑެތި އިންތިޚާބުތަކަކުން ބަލިވެ މަގުމަތިވެފައި ވަނިކޮށް، ޕާޓީ އަލުން ކޮޅަށްޖެހީ އޭނާ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ގަޕޯ މިފަދައިން ވިދާޅުވެފައިވަނީ، އާޓީފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލައެއް ހޫނުވެ، ގަޕޯ މަގާމުން ވަކިކުރުމަށް 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ލީޑުކުރައްވާ ފެކްޝަނުންނެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދެއްވަމުން ގަޕޯ ވިދާޅުވީ، އެ ޖަލްސާގައި ވާހަކަދައްކަވަން ކުރިން ހަމަޖެހިފައި އޮތީ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސާއިންގެ އިތުރުން ކަނޑައެޅިފައިވާ މަދު މެންބަރުންތަކެއް ކަމަށެވެ. ނަމަވެސް ފަހުން ފައްޔާޒާއި ރައީސް ނަޝީދު ގުޅުއްވައި ޖަލްސާގައި ވާހަކަފުޅުދައްކަވަން ބޭނުންފުޅުވާކަމަށް ވިދާޅުވުމުން، އެކަމާމެދު ކެބިނެޓް ކޮމިޓީގައި މަޝްވަރާކުރުމަށްފަހު ގޮތެއް އަންގަވާނެކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެހެންނަމަވެސް މަޝްވަރާކުރުމަށް ވަގުތުކޮޅެއް ދެއްވުމަށް އެދިވަޑައިގެންފައި ވަނިކޮށް، ކުއްލިއަކަށް ޖަލްސާ ބޮއިކޮޓްކުރެއްވިކަން އިއުލާންކުރެއްވީ ކަމަށް ގަޕޯ ވިދާޅުވިއެވެ. އަދި އޭގެ އަނެއް ދުވަހު ޖަލްސާއެއް ބާއްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ތިން އިންތިހާބާއި ހަތަރު ބައި އިލެކްޝަނުން ޕާޓީ ފެއިލްވެ މަގުމަތިވުމުން، ޕާޓީ ނަގައި ކޮޅަށްޖެހީ އޭނާ ކަމަށް ގަޕޯ ވިދާޅުވިއެވެ. އަދި މިއަދު ޕާޓީއަށް ލިބޭ ކާމިޔާބީގެ ކްރެޑިޓް އޭނާއަށް ދޭން ނުބުނާ ކަމަށާއި، އެއީ ދާއިރާތަކުގެ އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތް ކަމަށްވިޔަސް އެ ހަގީގަތް މިއަދު ގަބޫލުކުރަންޖެހޭނެ ކަމަށްވެސް ގަޕޯ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ