ޣަފޫރު ވަކިކުރުމުގެ މައްސަލަ ނިންމަން ހޯމަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ޣަފޫރު ވަކިކުރުމުގެ މައްސަލަ ނިންމަން ހޯމަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

Author
ހުސައިން
08 އޭޕްރިލް 2026 09:05
0

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކިކުރުމަށް 55 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަނާމެދު ގޮތެއް ނިންމުމަށް، އަންނަ ހަފުތާގެ ހޯމަ ދުވަހު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ ބާއްވާނެ ވަގުތާއި ތަން އަދި އިއުލާންކޮށްފައި ނުވާއިރު، ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޣަފޫރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުންނެވެ. މި މައްސަލަ ފެންމަތިވީ ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ނުދެއްވުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން ޖަލްސާ ބޯއިކޮޓްކުރި ހިސާބުންނެވެ. މީގެ އިތުރުން، ޣަފޫރު އެހެން ފަރާތްތަކުގެ ނުފޫޒުން ނިންމުންތައް ނިންމަވާ ކަމަށާއި، ޕާޓީގެ ގަވާއިދާ ޚިލާފަށް ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވި ކަމަށްވެސް އާންމުކުރި ޕެޓިޝަނުގައި ތުހުމަތުކޮށްފައިވެއެވެ. މިކަންކަމުގެ ސަބަބުން ޕާޓީއާމެދު އޮންނަ އިތުބާރު ގެއްލިދާނެކަމުގެ ކަންބޮޑުވުން އެ މެންބަރުން ވަނީ ފާޅުކޮށްފައެވެ.

މި ތުހުމަތުތަކާއެކު ޕާޓީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވާއިރު، ޣަފޫރު ވަނީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި ގޮތެއް ނިންމަން ބޭނުންފުޅުވަނީ ގައުމީ މަޖިލީހުގެ މެންބަރުންގެ ވޯޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޗެއާޕާސަން މަގާމުން ވަކިކުރެވޭނީ 123 މެންބަރުން ހިމެނޭ ގައުމީ މަޖިލީހަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ނުވަތަ ކޯރަމްއަކީ 31 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.