އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމަށްޓަކައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރެއްގެ ސޮޔާއެކު މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި ޕެޓިޝަންގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވެސް ހިމެނިވަޑައިގަންނަވައެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި، ގަޕޯގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ޕާޓީގެ ތެރޭގައި އޮތް އެއްބައިވަންތަކަން ދެމެހެއްޓުމަށް އޭނާ ނުކުޅެދިފައިވާތީއާއި، ޕާޓީގެ އަސާސީ ގަވައިދާ ޚިލާފުވެވަޑައިގެންފައިވާތީއެވެ. އަދި ގައުމު އިސްލާހުކުރުމުގެ ކުރިން އެމްޑީޕީ އިސްލާހުކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން އާ ޗެއާޕާސަނަކު އިންތިޚާބުކުރުމުގެ މުހިންމުކަން ފައްޔާޒް ވަނީ ފާހަގަކުރައްވައިފައެވެ.
ގަޕޯ މަގާމުން ދުރުކުރަން ހުށަހެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އޭނާ ނިންމުންތައް ނިންމަވަނީ އެހެން ފަރާތަކުން އަންގާ ގޮތަށް ކަމަށް ތުހުމަތުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކުއްލި ގޮތަކަށް ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު (އިބުރޭ) މަގާމުން ވަކިކުރުމަށް ސިޓީ ފޮނުއްވުން ވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަމަށް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، ދާދިފަހުން އެމްޑީޕީން ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދެއްވުމާ ގުޅިގެން، އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އެ ޖަލްސާ ބޯއިކޮޓްކޮށްފައި ވަނިކޮށެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ޗެއާޕާސަން މަގާމުން ވަކިކުރެވޭނީ ގައުމީ މަޖިލީހަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މަޖިލީހުގައި 123 މެންބަރުން ތިބޭއިރު، ޖަލްސާއެއް ބޭއްވުމުގެ ކޯރަމަކީ 31 މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ