އެޓްމޮސްފިއާ ފައުންޑޭޝަނާއި މޫދުބުޅާ ޑައިވް ސެންޓަރު ގުޅިގެން، ހުރިހާ ޚަރަދެއް ހިލޭ ހަމަޖެހިފައިވާ ޑައިވިންގ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.
އަހަރަކު 10 ދިވެހިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް މިހާރު ކުރިމަތިލެވޭނެއެވެ. މި ފުރުސަތުގެ ދަށުން ހޮވޭ ފަރާތްތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރާ ޑައިވިންގ ސެޓްފިކެޓްތައް ހާސިލުކުރުމަށް ބޭނުންވާ ތަމްރީނުތަކުގެ ފީއާއި، ސެޓްފިކެޓް ފީގެ އިތުރުން ހުރުމާއި ކެއުން އަދި އިންޝުއަރެންސްގެ ހުރިހާ ޚަރަދެއް އެ ފައުންޑޭޝަނުން ހަމަޖައްސައިދޭނެއެވެ.
އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކަށް މި ޕްރޮގްރާމަށް ކުރިމަތިލެވޭއިރު، ތަމްރީނު ފުރިހަމަކުރުމަށްފަހު ވަކި މުއްދަތަކަށް ރާއްޖޭގައި މަސައްކަތްކުރުން ލާޒިމުވާނެއެވެ. އެއީ ބައިވެރިންނަށް ލިބޭ ހުނަރުގެ ފައިދާ ރާއްޖޭގެ ފަތުރުވެރިކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ސީދާ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަނޑައަޅާފައިވާ ޝަރުތެކެވެ.
އެޓްމޮސްފިއާ ފައުންޑޭޝަނުގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ހަކީމް ވިދާޅުވީ، މިކަމުގެ މައިގަނޑު މަގްސަދަކީ ޑައިވިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މަގުފަހިކޮށްދީ، ރާއްޖޭގެ އިގްތިސާދުގެ މުހިންމު ދާއިރާތަކުގައި ދިވެހިންނަށް ފަންނީ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިއީ ހަމައެކަނި ސެޓްފިކެޓެއް ދިނުމުގެ ބަދަލުގައި، ޒުވާނުންނަށް ދެމެހެއްޓެނިވި ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް ކުރެވޭ އިންވެސްޓްމަންޓެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެޕްލައިކުރުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ މަހުގެ 15 ވަނަ ދުވަހެވެ.
ކޮމެންޓު ފޮނުވާ