އީރާނަށް ދޭ ހަމަލާތައް މެދުކަނޑާލަން އެމެރިކާއިން ނިންމި ނިންމުމަށް ޝަރުތުތަކަކާއެކު އިޒްރޭލުން ތާއީދުކޮށްފި

އީރާނަށް ދޭ ހަމަލާތައް މެދުކަނޑާލަން އެމެރިކާއިން ނިންމި ނިންމުމަށް ޝަރުތުތަކަކާއެކު އިޒްރޭލުން ތާއީދުކޮށްފި

Author
ޙަސަން މުޙައްމަދު
08 އޭޕްރިލް 2026 09:07
0

އީރާނަށް ދެމުންދާ ހަމަލާތައް ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އިޒްރޭލުން މިއަދު ތާއީދުކޮށްފިއެވެ.

އެމެރިކާއިން އަސްކަރީ ހަރަކާތްތައް މެދުކަނޑާލަން ނިންމީ މެދުއިރުމަތީގެ މަސްރަހު ފިނިކޮށް، ސުލްހައިގެ މަޝްވަރާތަކަށް ޖާގަ ދިނުމުގެ ގޮތުންނެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ނިންމުމަށް އިޒްރޭލުން ތާއީދުކުރަނީ މައިގަނޑު ޝަރުތުތަކެއްގެ މަތިން ކަމަށެވެ. އޭގެ ތެރޭގައި އީރާނުން ވަގުތުން ކަނޑުއޮޅިތައް ހުޅުވާލުމާއި، އެމެރިކާއާއި އިޒްރޭލުގެ އިތުރުން ސަރަހައްދީ އެހެން ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ހުއްޓާލުން ހިމެނެއެވެ. ނަމަވެސް، ހަމަލާތައް މެދުކަނޑާލުމުގެ މި އެއްބަސްވުމުގެ ތެރޭގައި ލުބުނާނު ނުހިމެނޭނެކަން އިޒްރޭލުން ވަނީ ސާފުކޮށްދީފައެވެ.

އީރާނަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ހުރި ގައުމަކަށް ނުވާނެކަން ކަށަވަރުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އިޒްރޭލުން ވަނީ އަލުން ތާއީދުކޮށްފައެވެ. އަދި ކުރިއަށް އޮތް މަޝްވަރާތަކުގައި މި ލަނޑުދަނޑި ހާސިލުކުރުމުގައި އެމެރިކާ ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށްވެސް އިޒްރޭލުން ބުނެއެވެ.

މި ނިންމުންތަކާ ގުޅިގެން، އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ ހާއްސަ މަޝްވަރާތައް އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށުމަށް ހަމަޖެހިފައިވާކަން އީރާނުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.