އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ބާރުއެޅުމުގެ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު، ޗައިނާ އާއި ރަޝިއާއިން ވީޓޯކުރުމާ ގުޅިގެން އަންގާރަ ދުވަހު ބޭރުކޮށްލައިފި އެވެ.
މި ވޯޓު ނަގާފައިވަނީ، އެ ކަނޑުއޮޅި އަލުން ނުހުޅުވައިފިނަމަ އީރާނުގެ މުޅި އާބާދީ ފުނޑުފުނޑުކޮށްލާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުގެ މުހުލަތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ. މި ގަރާރަށް 11 ގައުމަކުން ތާއީދުކޮށް ވޯޓު ދިން ނަމަވެސް، ޗައިނާ އާއި ރަޝިއާއިން ވަނީ ގަރާރު ވީޓޯކޮށްފަ އެވެ. އަދި ކޮލަމްބިއާ އާއި ޕާކިސްތާނުން ވަނީ ވަކި ކޮޅަކަށް ވޯޓު ނުދީ ތިބެފަ އެވެ.
ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ބަހްރޭނާއި ޖީސީސީގެ ގައުމުތަކުގެ އިތުރުން އުރުދުން ގުޅިގެން އެކުލަވާލި މި ގަރާރުގެ އަސްލު ދެލިކޮޕީގައި ބާރުގެ ބޭނުންކުރުމުގެ ހުއްދަ ދޭ މާއްދާތައް ހިމެނި ނަމަވެސް، ފަރަންސޭސިވިލާތާއި ޗައިނާ އަދި ރަޝިއާގެ ކަންބޮޑުވުންތަކާ ހުރެ އެ ގަރާރުގެ ބާރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްލާފަ އެވެ. ފާސްނުވި މި ގަރާރުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައި އޮތީ ދަތުރުފަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އުޅަނދުފަހަރު ދިފާއުކުރުމުގެ ހައްގު މެންބަރު ގައުމުތަކަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައާ ގުޅިގެން އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. ދުނިޔޭގައި ބޭނުންކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ މިހާރު އީރާނުން ދެނީ ޗައިނާ، ރަޝިއާ، އިންޑިއާ އަދި ޕާކިސްތާނު ފަދަ އެ ގައުމާ ގާތް ގުޅުމެއް އޮންނަ ގައުމުތަކުގެ މަދު އުޅަނދުތަކަކަށް އެކަންޏެވެ.
މި މައްސަލައިގައި ކަނޑުއޮޅި ހިމާޔަތްކުރުމަށް އެމެރިކާގެ ބައިވެރި ގައުމުތަކުން މަނަވަރުތައް ނުފޮނުވާތީ ޓްރަމްޕް ވަނީ ފާޑުވިދާޅުވެފަ އެވެ. އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ބަހްރޭނުން އިސްނަގައިގެން މިދިޔަ މަހު ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރެއް 13-0 އިން ފާސްކޮށްފައިވާއިރު، އެ ވޯޓުގައިވެސް ރަޝިއާ އާއި ޗައިނާއިން ބައިވެރިވެފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ