އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން ވަކިކޮށްފިއެވެ.
ޕާޓީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ސޮއިކުރައްވައި އިބުރޭއަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، އޭނާ މަގާމުން ދުރުކުރީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ކަމަށެވެ. އެ މާއްދާގައި ބަޔާންކުރާ ގޮތުން، ގައުމީ މަޖިލީހުގެ ރުހުމާއެކު ޗެއާޕާސަންގެ ނައިބުން އައްޔަންކުރުމާއި، އަދި ދައުރުގެ ތެރޭގައި ނައިބުން ވަކިކޮށް އެހެން ބޭފުޅުން އެ މަގާމަށް އައްޔަންކުރުމުގެ އިހުތިޔާރު ޗެއާޕާސަނަށް ލިބިގެންވެއެވެ. ނަމަވެސް، އިބުރޭ މަގާމުން ވަކިކުރަންޖެހުނު ސީދާ ސަބަބެއް އެ ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ.
މި ކުއްލި ބަދަލު ގެނެސްފައިމިވަނީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކަކާއި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަތައް އެންމެ ބޮޑަށް ފެންމަތިވީ، ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުން އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ދާދިފަހުން ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ދީފައިނުވާތީ، އެ ދެ ބޭފުޅުން ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިންކާރުކުރައްވާފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ޗެއާޕާސަން ގަޕޯ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދާއި ފައްޔާޒަށް ޖަލްސާގައި ވާހަކަދެއްކެވުމުގެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވަނިކޮށް، ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް ބަޔަކު ދޮގު ވާހަކަތަކެއް ފަތުރާފައިވާތީ އެކަމާ ނުހަނު ހިތާމަކުރައްވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ