މިފްކޯއިން މަސްދަޅުގެ އަގަށް ބަދަލުގެނައީ ސަރުކާރުގެ އެއްވެސް ފަރާތަކަށް އެނގިގެން ނޫން: ސައީދު

މިފްކޯއިން މަސްދަޅުގެ އަގަށް ބަދަލުގެނައީ ސަރުކާރުގެ އެއްވެސް ފަރާތަކަށް އެނގިގެން ނޫން: ސައީދު

Author
ޙަސަން މުޙައްމަދު
07 އޭޕްރިލް 2026 08:48
0

މިފްކޯއިން މަސްދަޅުގެ އަގަށް ބަދަލުގެނައީ ސަރުކާރަށް އެއްވެސް އެންގުމަކާ ނުލާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިފްކޯއިން އިއްޔެ ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އަލުން ކުރިން ހުރި އަގަށް ވަނީ ބަދަލުކޮށްފައެވެ.

މިފްކޯއިން އިއްޔެ ވަނީ ތެޔޮ މަސްދަޅެއްގެ އަގު 17.50 ރުފިޔާއިން 18.50 ރުފިޔާއަށް އަދި ކޭހެއްގެ އަގު 800 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެ ކުންފުނިން ފުރަތަމަ ބުނެފައިވަނީ އަގަށް ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން މަސްދަޅު އުފެއްދުމުގެ ޚަރަދު ބޮޑުވުމުން ކަމަށެވެ. ނަމަވެސް، ރޭގެ ވަގުތެއްގައި އެ ނިންމުން ބަދަލުކޮށް، ކުރީގެ އަގަށް މަސްދަޅު ވިއްކަން ފަށާފައިވާއިރު، އެއީ ރައްޔިތުންގެ ޚިޔާލާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބަލައި ނިންމި ނިންމުމެއް ކަމަށް ފަހުން ވަނީ ބުނެފައެވެ.

މި ބަދަލު ގެނެސްފައިވަނީ ދާދިފަހުން ބޭއްވި އިންތިޚާބުތަކަށްފަހު ސަރުކާރުން ތަކެތީގެ އަގު ބޮޑުކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ އަގު ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ނޫން ކަމަށާއި، މިފްކޯއިން އަގަށް ބަދަލުގެނައީ ސަރުކާރުގެ އެއްވެސް ފަރާތަކަށް އެނގިގެން ނޫން ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރުމުން، ތަކެތީގެ އަގު ބޮޑުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަން ހާމަވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލީ ގޮތުން ގެއްލުމުގައި ހިންގަމުން އަންނަ މިފްކޯގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހު ވަނީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަންވެސް ނިންމާފައެވެ. ރައީސް މުއިއްޒު މީގެ ކުރިން ވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން ނައްތާލައްވާނެ ކަމަށް ވިދާޅުވެފައެވެ. ޒަމާނުއްސުރެ މިފްކޯގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމުގެ ޝަކުވާތަކަކީ އަބަދުވެސް އޮންނަ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.