ކްރާސާ ފިހާރައިގައި ނައުއްޓެ މަރާލި މައްސަލައިގައި ދައުވާލިބުނު ދެމީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

ކްރާސާ ފިހާރައިގައި ނައުއްޓެ މަރާލި މައްސަލައިގައި ދައުވާލިބުނު ދެމީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

Author
ހުސައިން
07 އޭޕްރިލް 2026 06:29
0

މާފަންނު ކްރާސާ ފިހާރަ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

24 ފެބްރުއަރީ 2023 ގައި ހިނގި މި ހާދިސާއާ ގުޅިގެން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން އުފުލީ ސ. މަރަދޫފޭދޫ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. މަރުގެ އަދަބު ކަނޑައެޅިފައިވާ މި ދައުވާއަށް މި ދެމީހުންވެސް ވަނީ ޝަރީއަތުގައި އިންކާރުކޮށްފައެވެ.

މި މައްސަލަ ނިންމައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން އިއްވެވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ދައުލަތުން ހުށަހެޅި ވީޑިއޯ އެނަލިސިސް ރިޕޯޓުތަކަށް ބަލާއިރު ހަމަލާދިނީ ދައުވާ ލިބޭ ދެމީހުންކަން ޔަގީންކަމާއެކު ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އަދި ހަމަލާއަށްފަހު މަގުމަތިން ފެންނަ ވީޑިއޯތަކުގައި އެމީހުން ތިބީ ތަފާތު ހެދުމެއްގައި ކަމަށާއި، މޫނު ސާފުކޮށް ނުފެންނާތީ އެއީ ދައުވާ ލިބޭ މީހުންކަން ކަށަވަރު ނުކުރެވޭކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ފައިހް ފިލައިގެން އުޅުނު ކަމަށް ބުނާ ގެއިން ނެގި ވީޑިއޯ ފުޓޭޖެއްގެ ޓައިމް ސްޓޭމްޕްގައި 2000 ވަނަ އަހަރުގެ ތާރީހެއް އޮތުމާއި، އެކަން އެގޮތަށް ދިމާވި ސަބަބު ދައުލަތަށް ސާފުކޮށްދެވިފައި ނުވުމުން އެ ވީޑިއޯއަކީ ހާދިސާއާ ގުޅޭ ވީޑިއޯއެއް ކަމާމެދު ވަނީ ޝައްކު އުފެދިފައެވެ.

ހަމައެހެންމެ، ކުށުގެ ވެށިން ފައިހް އާއި ނިޔާވި މީހާގެ އިތުރުން ކާކުކަން ނޭނގޭ ތިންވަނަ މީހެއްގެ ޑީއެންއޭ ފެނިފައިވީ ނަމަވެސް، އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ކުށް ސާބިތު ނުކުރެވޭނެކަމަށް ކޯޓުން ނިންމިއެވެ. ސަބަބަކީ އެ ޑީއެންއޭއަކީ އެތައް އަހަރެއް ވަންދެންވެސް އެތަނުގައި ހުރެދާނެ އެއްޗަކަށް ވެފައި، އެއީ ހާދިސާ ހިނގި ވަގުތު އެތަނަށް ނަގުލުވި ޑީއެންއޭއެއްކަން ކަށަވަރު ނުވުމެވެ. އަދި އެތަނުން ތިންވަނަ މީހެއްގެ ޑީއެންއޭ ފެނުމުން، އެ ކުށް ކުރީ އެހެން މީހަކަށް ވުމުގެ ފުރުސަތު އޮތްކަންވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. މި ސަބަބުތަކަށް ރިއާޔަތްކޮށް ކޯޓުން ކަނޑައެޅީ ދައުވާލިބޭ ދެމީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.