ދުޅަހެޔޮ ދިރިއުޅުމަކާއި ބަދަހި މުޖުތަމަޢެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ސައިންސް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި ޚާއްޞަ މެސެޖެއްގައި އެކަމަނާ ވަނީ، ހެކީގެ މައްޗަށް ބިނާކޮށް ހޯދޭ ސައިންޓިފިކް ޙައްލުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މިފަދަ ހޯދުންތަކަކީ މުޖުތަމަޢުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް މަގުފަހިކޮށްދޭ ކަމެއްކަން އެކަމަނާ ބަޔާންކުރެއްވިއެވެ.
އިންސާނުންގެ ސިއްޙަތާއި އަޅުގަނޑުމެން ދިރިއުޅޭ ނާޒުކު ތިމާވެއްޓާ އޮތީ ވަރަށް ބޮޑަށް ގުޅިލާމެހިފައިކަން ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ބޭހަށް ނުގުނާ ބަލިތަކުގެ (އެންޓިމައިކްރޯބިއަލް ރެސިސްޓެންސް) އިތުރުން އަލަށް ފެތުރޭ ބަލިމަޑުކަންކަމާ ދެކޮޅަށް ހަނގުރާމަކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ނުހަނު ބޭނުންތެރިކަމަށް ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޢިލްމީ ހޯދުންތައް ކުރިއެރުވުމަށާއި ދިރާސާތަކަށް އިންވެސްޓުކުރުން އިތުރުކޮށް، ސިއްޙަތަށް ފައިދާހުރި އާދަތައް އަށަގެންނެވުމަށް މިއަދު އައު ޢަޒުމެއް ކަނޑައެޅުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ. އަދި އެންމެން ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކޮށްފިނަމަ، ކޮންމެ ފަރުދަކަށްމެ ދުޅަހެޔޮ އަދި އުފާފާގަތި މުސްތަޤުބަލެއް ހޯދައިދެވޭނެކަމުގެ ޔަޤީންކަން ދެއްވަމުން އެކަމަނާގެ މެސެޖު ވަނީ ނިންމަވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ