މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅުދައްކަވަން ފުރުސަތު ނުދިނުމާ ގުޅިގެން ޕާޓީގެ އެތެރޭގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް އުފެދިއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި މި ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ރައީސް ނަޝީދު ވާހަކަފުޅުދައްކަވާ ގޮތަށް އޮތް ނަމަވެސް، ފަހުން އެ ފުރުސަތު ވަނީ މޭޔަރަކަށް ބަދަލުކޮށްފަ އެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ. މި މައްސަލައިގައި ހިތްހަމަނުޖެހިގެން އެ މަނިކުފާނަށް ތާއީދުކުރާ ގިނަ އެކްޓިވިސްޓުންތަކެއް ވަނީ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ. އަދި ޖަލްސާ ނިމެންދެން ވެސް ނަޝީދަށް ހާއްސަކުރެވިފައިވާ ގޮނޑި ހުރީ ހުސްކޮށެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ނަޝީދަށް ފުރުސަތު ދެއްވަން އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ބަޔަކު ގަސްތުގައި މަސްލަހަތު ނަގާލަން ހަގީގަތާ ހިލާފު ވާހަކަ ފެތުރީ ކަމަށެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އޭނާ ވިދާޅުވީ ޖަލްސާގައި ވާހަކަދައްކަވަން އެޖެންޑާކޮށްފައި އޮތީ އޭނާގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، މޭޔަރުންނާއި، ޑަބްލިއުޑީސީގެ ރައީސުންގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގެ "ނޫނެކޭ" ކެމްޕެއިން ކޮމިޓީގެ ޗެއާ ކަމަށެވެ.
ޕާޓީގެ ލީޑާޝިޕާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގައި 2023 ވަނަ އަހަރު އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރަޓްސް އުފެއްދެވުމަށްފަހު، ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން އެ މަނިކުފާނާއި، ޕާޓީގެ ޗެއާޕާސަންކަން ދޫކުރެއްވި ފައްޔާޒު އިސްމާއިލް ވެސް ވަނީ ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަށް ގިނަ ރަށްތަކަކަށް ވަޑައިގެން ފުޅާ ދާއިރާއެއްގައި ކެމްޕެއިން ކުރައްވައިފަ އެވެ.
ކޮމެންޓު ފޮނުވާ