އެމްޑީޕީގެ ބާރުގަދަ އުކުޅަހުގެ ގޮނޑިތައް ކާމިޔާބުކޮށް، ޕީއެންސީން ކުލަގަދަކޮށް އުފާފާޅުކޮށްފި

އެމްޑީޕީގެ ބާރުގަދަ އުކުޅަހުގެ ގޮނޑިތައް ކާމިޔާބުކޮށް، ޕީއެންސީން ކުލަގަދަކޮށް އުފާފާޅުކޮށްފި

Author
ޙަސަން މުޙައްމަދު
06 އޭޕްރިލް 2026 11:25
0

އއ. އުކުޅަހުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ، އެރަށުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އުކުޅަހަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ އިދިކޮޅު އެމްޑީޕީއަށް އަބަދުވެސް ބޮޑު ތާއީދެއް އޮންނަ ރަށަކަށް ވީނަމަވެސް، މިފަހަރުގެ އިންތިޚާބުގައި ޕީއެންސީން ވަނީ އެރަށުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީ ފާހަގަކުރުމަށް ރޭ އެރަށުގައި ބޭއްވި ޚާއްޞަ ހަފްލާގައި ހަވާ އެރުވުމުގެ އިތުރުން، ޕީއެންސީގެ މެންބަރުންނަށް ބޮޑު ޖާފަތެއް ވަނީ ދީފައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން، އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުން ބައިވެރިވެވަޑައިގަތެވެ.

މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ހަތަރުވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޝައުކަތުގެ މައްޗަށް ކުރިހޯއްދަވައި، 380 ވޯޓާއެކު ކައުންސިލްގެ ރައީސްކަން ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ޢަލީ ވަޙީދެވެ. ޝައުކަތަށް ލިބިވަޑައިގަތީ 307 ވޯޓެވެ. އަދި ކައުންސިލް މެންބަރުކަމަށް 390 ވޯޓާއެކު ޕީއެންސީގެ މުޙައްމަދު ޝަފްރާޒް ހޮވިވަޑައިގަތްއިރު، އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ މުޙައްމަދު ހުސްނީއަށް ލިބިވަޑައިގަތީ 282 ވޯޓެވެ. ކައުންސިލްގައި އަންހެނުންނަށް ޚާއްޞަ ގޮނޑި 347 ވޯޓާއެކު ކާމިޔާބުކުރެއްވީ ޕީއެންސީގެ އާމިނަތު ޒޫނާއެވެ. އެމްޑީޕީގެ ފާޠިމަތު ރަނިއްޔާއަށް އެ ގޮނޑިން ލިބިވަޑައިގަތީ 325 ވޯޓެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކަށް 362 ވޯޓާއެކު ޕީއެންސީގެ ސަޖިއްޔާ ސާޖިދު ސަޢީދު އިންތިޚާބުވެވަޑައިގަތްއިރު، އެމްޑީޕީގެ ޒަހުރާ އާމިރަށް ލިބިވަޑައިގަތީ 310 ވޯޓެވެ. އެ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތީ 375 ވޯޓު ހޯއްދެވި ޕީއެންސީގެ ބަސީރާ އަޙްމަދާއި، 340 ވޯޓު ހޯއްދެވި އެމްޑީޕީގެ ޝަޖުނާ މުޙައްމަދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.