ހަކަތައިގެ ދަތިކަމާ ގުޅިގެން، ތެޔޮ ސަލާމަތްކުރުމުގެ ގޮތުން ބަންގްލަދޭޝްގައި ކަރަންޓު ކަނޑައި، އޮފީސްތަކާއި ބޭންކުތަކުގެ މަސައްކަތުގެ ވަގުތުތައް ކުރުކޮށްފިއެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ބަންގްލަދޭޝްއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. އެގައުމަށް ސާފުނުކުރާ ތެޔޮ އެތެރެ ނުކުރެވޭތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، 170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްއަކީ ބޭނުންކުރާ ހަކަތައިގެ 95 އިންސައްތަ އިމްޕޯޓަށް ބަރޯސާވާ ގައުމެކެވެ. އެހެންކަމުން ދުނިޔޭގެ ހަކަތައިގެ މާކެޓަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު އެގައުމަށް ވަރަށް ބޮޑަށް ކުރެއެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި، މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުގެ ކެބިނެޓުން ފާސްކުރި އާ ފިޔަވަޅުތަކުގެ ދަށުން، ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ މަސައްކަތު ގަޑި ވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބަދަލުކޮށްފައެވެ. އަދި ބޭންކުތަކުން ހިދުމަތް ދޭ ވަގުތު ހެނދުނު 10:00 އިން މެންދުރު 3:00 އަށް ވަނީ ކުރުކޮށްފައެވެ. މީގެ އިތުރުން ބާޒާރުތަކާއި، އާންމު އަދި އަމިއްލަ ތަންތަނުގައިވެސް ކަރަންޓު ބޭނުންކުރާ މިންވަރު ވީހާވެސް ބޮޑަށް މަދުކުރުމަށް ސަރުކާރުން ވަނީ އާންމުންނަށް އަންގާފައެވެ.
ބަންގްލަދޭޝްގެ އެނާޖީ ޖޮއިންޓް ސެކްރެޓަރީ މޮނީރު ހުސައިން ޗައުދަރީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސަރުކާރުގެ މައިގަނޑު މަގުސަދަކީ މި ދަނޑިވަޅުގައި ހަރަދު ކުޑަކޮށް، ގައުމުގެ ހަކަތައިގެ ހާލަތު އާންމު ހާލަތަކަށް ގެނައުން ކަމަށެވެ. އަދި ތެޔޮ ބޭނުންކުރުން މަދުކުރުމަށް ސަރުކާރުން އަޅާފައިވާ މި ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އޭނާ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ