ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އާދަޔާޚިލާފު ހޫނުގަދަ ދުވަސްތަކަށް ލުޔެއް ލިބި، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ. ނަމަވެސް އަންނަ ބުދަ ދުވަހު އުތުރުގެ އަތޮޅުތަކަށްވެސް ކޮންމެވެސް ވަރަކަށް ވާރޭގެ އަސަރު ކުރާނެއެވެ.
މި ވިއްސާރައާއެކު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބެލެވެއެވެ. އެގޮތުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.
މިހާރު ހިނގަމުން މިދަނީ އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. ފާއިތުވި މަހުން ފެށިގެން ރާއްޖޭގެ ފިނިހޫނުމިން ވަރަށް ބޮޑަށް އުފުލިފައިވާއިރު، ގިނަ ރަށްރަށުގައި މީހުންނަށް އިޙްސާސްކުރެވޭ ހޫނުމިން މިހާރުވެސް ހުރީ 37 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ ކަމަށް ލަފާކުރާ މި ވިއްސާރައިގެ ސަބަބުން، މިހާރު ތަހައްމަލުކުރަމުންދާ ގަދަ ހޫނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ