އައްޑޫ ސިޓީން އެމްޑީޕީން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ވެހިކަލް ބުރެއް ބާއްވައިފި

އައްޑޫ ސިޓީން އެމްޑީޕީން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ވެހިކަލް ބުރެއް ބާއްވައިފި

Author
ޙަސަން މުޙައްމަދު
05 އޭޕްރިލް 2026 09:22
0

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީން އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިއަދު އައްޑޫގައި ބޮޑު ވެހިކަލް ބުރެއް ބާއްވައިފިއެވެ.

މި އުފާފާޅުކުރުމުގެ ހަރަކާތުގައި، އައްޑޫގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް އަލީ ނިޒާރުގެ އިތުރުން، އެމްޑީޕީގެ ޓިކެޓުގައި އެކި އަވަށްތަކަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޕާޓީއަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ވަނީ ފޯރިއާއެކު މި ހަރަކާތުގައި ބައިވެރިވެފައެވެ.

މިހާތަނަށް އިއުލާންކޮށްފައިވާ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، އައްޑޫ ސިޓީ ކައުންސިލްގެ 11 ގޮނޑިވެސް ސާފު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. މީގެ އިތުރުން، އައްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު ހިޖްރާ (ހިޖޫ) އިންތިޚާބުވެވަޑައިގެންފައިވާއިރު، އެ ކޮމިޓީގެ އެންމެ ގޮނޑިއެއް ފިޔަވައި އެހެން ހުރިހާ ގޮނޑިއެއްވެސް ކާމިޔާބުކުރީ ހަމަ އެ ޕާޓީންނެވެ.

މި އިންތިޚާބާއެކު ދެން އެންމެ ފާހަގަކޮށްލެވުނު އަނެއް ކަމަކީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު ފެންނަ ނުފެންނަ ވޯޓެވެ. މި ވޯޓުގެ ނަތީޖާއިން ދައްކާގޮތުގައި، ސަރުކާރުން ހުށަހެޅި މި ބަދަލަށް ރައްޔިތުން ތާއީދުކޮށްފައެއް ނުވެއެވެ. އެހެންކަމުން މުޅި ރާއްޖޭގައި ނެގުނު މި ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.