ޤާނޫނުގައި ދައުވާކުރުމަށް ބުނާ މުއްދަތުގެ ތެރޭގައި ދަޢުވާ ނުކުރުމަކީ އެދަޢުވާ ބާޠިލްކުރަންޖެހޭ ސަބަބެއް ނޫންކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ، ގދ.ފަޅުރަށެއްކަމަށްވާ ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 2019 ވަނަ އަހަރު ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން، އެމައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުންނެވެ. މިމައްސަލާގައި ދައުވާ ކުރި 5 މީހުންގެ މައްސަލަ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލާފައިވާކަމަށް ބެލެވެނީ ދައުވާކުރަން ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން އެކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
މިމައްސަލާގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިޢުނާފު ނުކުރަން ޕީޖީން ނިންމި ނިންމުމާއި ގުޅިގެން މިކަމުގައި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ޕީޖީ އޮފީހުން އަޅަމުން ގެންދާނެކަމަށް ކަމަށް އެ އޮފީހުންވަނީ މިހާރުވަނީ ހާމަކޮށްފައެވެ.
މިކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ، މުޖުތަޢުގެ ސަލާމަތަށްޓަކައި ބަންދުކުރެވޭ ފަރާތްތަކުގެ މައްސަލަތަކުގައި ދަޢްވާކުރުމަށް އިޖުރާތު ޤާނޫނުގައި ބަޔާންކުރާ 40/55 ދުވަސް ތެރޭގައި ދަޢްވާ ނުކުރެވުމަކީ އެދަޢްވާތައް ބާޠިލްވާންޖެހޭ ސަބަބެއް ނޫންކަމަށެވެ.
ދަޢްވާކުރުމަށް އޮންނަ މުއްދަތުން ބޮޑެތި ކުށްތައް ވަނީ އިސްތިސްނާކުރެވިފައި.
– ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަޙްމަދު ޙައިލަމް
149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ހުށައަޅާފައެވެ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ އަތުލާގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގދ. ގައްދޫ ކޯޓުގައި ދައުވާކުރި ފަސް މީހުންގެ ތެރެއިން 4 މީހެއްގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަނެއް މީހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ގދ.ގައްދޫ އެދުރުގެ އުމުރުން 25 އަހަރުގެ ޔާމިހް ޚާލިދާއި ހަމަ އެގޭ އުމުރުން 42 އަހަރުގެ އަހްމަދު ހަލީމާއި ގއ.ކޮނޑޭ ރޮމޭންސް އުމުރުން 35 އަހަރުގެ ޝަފީޒު މުހައްމަދާއި ގއ.ނިލަންދޫ އުމުރުން 35 އަހަރުގެ އަލީ ޝާކިރާއި ގއ.ކޮނޑޭ ގަހާކޯޅި އުމުރުން 34 އަހަރުގެ އަހްމަދު އަނިލްގެ މައްޗަށެވެ.
ކޮމެންޓު ފޮނުވާ