ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ކުރާ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މިކަން ހާމަކުރެއްވީ، އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މަގު ފުޅާކުރުމަށްޓަކައި އެ ސަރަހައްދުގެ އެއްގަމު ތޮށި ވަނީ ހަ މީޓަރު ބޭރަށް ޖައްސާފައެވެ. އަދި މިހާރު ހަލުވިކަމާއެކު ކުރިއަށްދަނީ އެއްގަމު ތޮއްޓާއި ޔުޓިލިޓީ ވިއުގަ އެޅުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ތާވަލަށް ބަލާއިރު، ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮންނަ 90 މީޓަރުގެ ސަރަހައްދު އެއް މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒުހިފާފައެވެ. އަދި އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަހައްދު، އަންނަ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ބަދަލާއެކު އެ ސަރަހައްދުގައި ޖުމުލަ 610 މީޓަރުގެ އައު އެއްގަމު ތޮށްޓެއް ގާއިމުކުރެވޭނެއެވެ.
މަގު ފުޅާކުރުމުގެ އިތުރުން، އާންމުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ސިޓީ ގާޑަން ކުރިމަތިން ބޭރަށް ޖައްސާ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ ޒޯނެއް ތަރައްގީކުރުމާއި، އުޅަނދުފަހަރަށް ފަސޭހައިން ކައިރިކުރެވޭ ގޮތަށް ކީވޯލް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، އެމްއެމްއޭ އިން ފެށިގެން ނޯތު ހާބަރާ ހަމައަށް ހަދާފައިވާ ބައިގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ