ޒަމާނީ ފެންވަރަށް މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ވަޑައިގެން، މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސެގްމަންޓް 2 އިން 5 އަށް މަސައްކަތް ގޮސްފައިވާ ހިސާބު ގާތުން ބައްލަވާލައްވައި ވަޒަންކުރައްވާފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން 9 އޭޕްރީލް 2025 ގައި ފެށި މި ބޮޑު މަޝްރޫޢުގެ ދަށުން މިހާރުވެސް ވަނީ މުހިންމު މަސައްކަތްތަކެއް ނިންމާފައެވެ. އެގޮތުން ޖުމްހޫރީ މައިދާނާ ހިސާބުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް މަގު ފުޅާކޮށް ތާރުއެޅުމަށްފަހު 2025 ވަނަ އަހަރުގެ ޑިސެންބަރު މަހު ވަނީ ހުޅުވާފައެވެ. އޭގެ ފަހުން ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ތާރުއަޅައިގެން ތަރައްޤީކުރި ދެވަނަ ސެގްމެންޓްގެ މަސައްކަތް ނިންމައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމުމުން، ބޮޑުތަކުރުފާނު މަގަކީ ޒަމާނީ ފެންހިންދާ ނިޒާމަކާއެކު ތަރައްޤީކުރެވިފައިވާ ފުޅާ މަގަކަށް ވެގެންދާނެއެވެ. އަދި މީގެ ސަބަބުން މާލޭގެ ޓްރެފިކަށް ބޮޑު ލުއިފަސޭހަކަމެއް ލިބި، ދުއްވާ އުޅަނދުތަކަށާއި ހިނގާބިނގާވެ އުޅޭ އެންމެހާ ރައްޔިތުންނަށް މިއީ ރައްކާތެރި އަދި ހިތްފަސޭހަ މަގަކަށް ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ