އިންޑޮނޭޝިއާއަށް 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް: ސަރަހައްދީ ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފި

އިންޑޮނޭޝިއާއަށް 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް: ސަރަހައްދީ ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފި

Author
ޙަސަން މުޙައްމަދު
02 އޭޕްރިލް 2026 07:19
0

އިންޑޮނޭޝިއާގެ އުތުރު މޮލޫކާ ކަނޑުގެ ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އުފެދިފައިވަނީ އިންޑޮނޭޝިއާގެ އުތުރު މަލޫކު ޕްރޮވިންސްގެ ޓާނަޓޭ ސިޓީއާ 120 ކިލޯމީޓަރު ދުރުން، ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. މިކަމާ ގުޅިގެން، ބިންހެލުން އައި ސަރަހައްދުގެ 1،000 ކިލޯމީޓަރުގެ ރޭޑިއަސްގައި ހިމެނޭ އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރާޅުތައް އަރާނެކަމުގެ އިންޒާރު މިހާރު ވަނީ ދީފައެވެ.

އެމެރިކާގެ ސުނާމީ އިންޒާރުދޭ މަރުކަޒުން ލަފާކުރާ ގޮތުގައި އިންޑޮނޭޝިއާގެ އައްސޭރިފަށަށް 0.3 މީޓަރާއި 1 މީޓަރާ ދެމެދުގެ އުސްމިނެއްގައި ރާޅު އެރުން އެކަށީގެންވެއެވެ. މީގެ އިތުރުން ޖަޕާން، ޓައިވާން، ގުއާމް، މެލޭޝިއާ އަދި ފިލިޕީންސްގެ އައްސޭރިފަށަށް ވެސް 0.3 މީޓަރުގެ ރާޅުތަކެއް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފައިވަނީ، މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާ 5،865 ކިލޯމީޓަރު ދުރުން ކަމަށްވާތީ، މީގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުން މިކަމާ ހާސްވެ ކަންބޮޑުނުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.