11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފި

11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފި

Author
އަހުމަދު
02 އޭޕްރިލް 2026 07:18
0

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރާއްޖޭގެ 11 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދުއެވެ. އަދި ކޮންޓްރެކްޓަރ އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީއުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން، އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް އަލުން ފަށައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރ. ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ފަށައި ނުނިމި ހުރި މަސައްކަތްތައް ނިންމުމާއި، ރ. އަނގޮޅިތީމު، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް ފުރިހަމަކުރުން ހިމެނެއެވެ.

މީގެ އިތުރުންވެސް މުހިންމު މަސައްކަތްތަކެއް މި ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ލ. އަތޮޅުގެ އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި މިހާރު ހުރި ނަރުދަމާ ނިޒާމު ބަދަލުކޮށް، އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ފުވައްމުލަކު ސިޓީގައި މިހާރު ބޭނުންކުރަމުންދާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ މި މަޝްރޫޢުގެ ތެރެއިންނެވެ.

ސަރުކާރުން ހާމަކުރާގޮތުގައި މިއީ ރަށްރަށުގައި މެދުކެނޑިފައިވާ އަސާސީ ޚިދުމަތްތަކުގެ މަސައްކަތްތައް އަވަހަށް ނިންމައި، ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ފުރިހަމަ ޚިދުމަތް ޔަޤީންކޮށްދިނުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.