ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގަން ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހުށަހެޅުއްވި މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވޯޓު ކަރުދާހުގައި އަހާ ސުވާލުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި، އިންތިހާބުގެ ހަގީގީ މަގުސަދު އިލެކްޝަންސް ކޮމިޝަނަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އިންތިހާބު ބާއްވަން އިއުލާނުކުރި ތާރީހާއި ވޯޓުލާ ދުވަހާ ދެމެދު އޮތީ އެންމެ 47 ދުވަސް ކަމަށްވުމުން، މިއީ ރައްޔިތުން ހޭލުންތެރިކުރުވައި ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ދައުވާގައި ބުނެފައިވެ އެވެ. މީގެ އިތުރުން، ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނެ ކަމަށް ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނޫން ކަމަށާއި، ރިފަރެންޑަމްއާ ގުޅޭ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މި ސަބަބުތަކަށް ބިނާކޮށް، ޝުނާނާ ވަނީ ރިފަރެންޑަމް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެންފަ އެވެ. އަދި އެ އަމުރު ނުލިބިއްޖެ ހާލަތެއްގައި، ވޯޓުގެ ނަތީޖާ އިއުލާނުކުރުން މަނާކުރުމަށާއި، އެ ނަތީޖާގެ މައްޗަށް ބިނާކޮށް އެއްވެސް ފިޔަވަޅެއް އެޅުން ހުއްޓުވައިދިނުމަށް ވެސް އެދިފައިވެ އެވެ. ހަމައެއާއެކު، މި މައްސަލައާ ގުޅުންހުރި އެހެން މައްސަލައެއް ގާނޫނީ ވަކީލް އަހުމަދު އައިކް އީސަ އާއި އިބްރާހިމް ޝިޔާމް ސުޕްރީމް ކޯޓަށް ވެސް ހުށަހަޅުއްވާފައިވާއިރު، އެ މައްސަލައިގެ ހުކުމް އިއްވުން މިއަދު އޮންނާނެ އެވެ.
ދެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ މިދިޔަ މަހު އެވެ. ނަމަވެސް ގާނޫނުއަސާސީއަށް މި ބަދަލު ގެނެވެން އޮތީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ސަރުކާރުން ބުނާ ގޮތުގައި މި ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ބަޖެޓުން އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ.
ކޮމެންޓު ފޮނުވާ