ކާށިދޫގައި ފުލުހަކު މަރާލި މައްސަލައިގައި ސަމާހުގެ މައްޗަށް އަލުން ކުށް ސާބިތުވެއްޖެ

ކާށިދޫގައި ފުލުހަކު މަރާލި މައްސަލައިގައި ސަމާހުގެ މައްޗަށް އަލުން ކުށް ސާބިތުވެއްޖެ

Author
ހުސައިން
29 މާރޗް 2026 02:54
0

ކ. ކާށިދޫގައި 2012 ވަނަ އަހަރު ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި، އެރަށު ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް އަލުން ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސާޖަންޓް އާދަމް ހަލީމަށް ސަމާހު ހަމަލާދީ މަރާލީ، އޭނާ ގޭބަންދުގައި ހުއްޓައި ބޭރަށް ނުކުމެ އުޅެނިކޮށް ޕޮލިސް ސްޓޭޝަނަށް ގެންދަން އުޅުމުގެ ތެރޭގައެވެ. މި މައްސަލައިގައި ކުށް ސާބިތުވެ، 2012 ވަނަ އަހަރުވެސް ކްރިމިނަލް ކޯޓުން ވަނީ ސަމާހު މެރުމަށް ހުކުމްކޮށްފައެވެ. ނަމަވެސް، ހަމައެކަނި އޭނާގެ އިއުތިރާފަށް ބިނާކޮށް ކުށް ސާބިތުނުކުރެވޭނެކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް އަންގާފައެވެ.

މައްސަލަ އަލުން ބަލައި މިއަދު ކުށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް، ސަމާހުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އޭނާ ހަމަލާދިނީ މީހަކު މެރުމުގެ ގަސްދުގައި ނޫން ކަމަށެވެ. މި މައްސަލައިގައި ސަމާހުގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.