ދޯނި ކެޕްޓަނަށް ހަމަލާދިން މީހާގެ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްފި

ދޯނި ކެޕްޓަނަށް ހަމަލާދިން މީހާގެ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްފި

Author
އަހުމަދު
29 މާރޗް 2026 02:50
0

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކަށް އަރައި އެ ދޯނީގެ ކެޕްޓަނަށް ހަމަލާދިން މީހެއްގެ މައްޗަށް އިއްވި ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށް، ކްރިމިނަލް ކޯޓުން މައްސަލަ ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހިނގި މި މާރާމާރީއާ ގުޅިގެން ދައުލަތުން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލީ މއ. ޖަންބުގަސްދޮށުގެ، އިބްރާހީމް ފާރިސްގެ މައްޗަށެވެ. ގދ. ގައްދޫއަށް ނިސްބަތްވާ ކެޕްޓަނަށް ފާރިސް ދިން ހަމަލާތަކުގެ ސަބަބުން ކެޕްޓަންގެ މޫނުމަތިން ދެ ތަނެއް ފަޅައިގެން ގޮސްފައިވެއެވެ. ޝަރީއަތުގެ މަޖިލީހުގައި ފާރިސް ވަނީ މި ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން މި މައްސަލަ ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ މަގުންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް މި މައްސަލައިގައި ފުރަތަމަ ހުކުމް ކުރެއްވީ ފާރިސް އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް، ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި އެއް ދުވަސް ހުކުމުން އުނިކުރުމަށްފަހު، ބާކީ އޮތް މުއްދަތު ވަނީ 7,000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ. މި ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ޖެހޭނެކަމަށް ހުކުމުގައި ބަޔާންކޮށްފައިވާއިރު، ފާރިސް ދެން އިތުރަށް ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.