ރާއްޖޭގައި މިހާރު ގިނަ ޚިދުމަތްތަކަކަށް އީފާސް ބޭނުންކުރި ނަމަވެސް، ޤާނޫނީ ހުރަސްތަކަކާ ހެދި އިންތިޚާބުތަކުގައި ވޯޓުލުމަށް ޑިޖިޓަލް އައިޑީ ކާޑު ނުވަތަ އީފާސް ބޭނުމެއް ނުކުރެވޭނެއެވެ.
ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ފައިސާގެ މުއާމަލާތްތަކުން ފެށިގެން ސިއްހީ ފަރުވާ ހޯދުމަށާއި ލައިސަންސް ދެއްކުމަށްވެސް މިއަދު ސްމާޓްފޯނު މެދުވެރިކޮށް އީފާސް އަންނަނީ ބޭނުންކުރަމުންނެވެ. ދައުލަތުގެ ގިނަ އިދާރާތަކަކުންނާއި ކުންފުނިތަކުން މި ރައްކާތެރި ނިޒާމު ބަލައިގަންނައިރު، ވޯޓުލާންދާއިރު އީފާސް ބޭނުން ނުކުރެވޭތީ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ނަމަވެސް މިއީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބަދަލުކުރެވެން ނެތް ޤާނޫނީ ކަމެކެވެ.
އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވޯޓުލާ މަރުކަޒަށް އަޑު ނުވަތަ މަންޒަރު ރެކޯޑުކުރެވޭ ފަދަ އެއްވެސް އާލާތެއް ވެއްދުމަކީ މަނާކަމެކެވެ. އީފާސް ދެއްކޭނީ ސްމާޓްފޯނު ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކަމަށްވާއިރު، އެފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުން ވަނީ ޤާނޫނީ ގޮތުން މަނާކޮށްފައެވެ. އެހެންކަމުން، ފޯނު ނުވެއްދޭނެތީ އީފާސް ބޭނުންކުރުމުގެ ފުރުސަތު ޤާނޫނީ ގޮތުން ވަނީ ބަންދުވެފައެވެ.
މަކަރާއި އޮޅުވާލުންތައް ހުއްޓުވައި، 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތެއްގެ ވޯޓުލުމުގެ ޙައްޤު ކަށަވަރުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މަރުކަޒުތަކުގައި ބަލައިގަންނަނީ ވަކި ލިޔެކިޔުންތަކެކެވެ. އެގޮތުން ވޯޓުލާން ދާއިރު ގެންދަންޖެހޭނީ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕާސްޕޯޓް، ޕާސްޕޯޓް ކާޑު ނުވަތަ ޑްރައިވިންގ ލައިސަންސްގެ އަސްލެވެ. އެހެންކަމުން، ވޯޓުލާ ދުވަހު އެމީހެއްގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް މި ލިޔުންތަކުން ކުރެ ލިޔުމެއްގެ އަސްލު ހިފައިގެން ދިއުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
ކޮމެންޓު ފޮނުވާ