ބަންގްލަދޭޝްގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ދާދި ފަހުން މަގާމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ތާރިގް ރަޙްމާނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަކިވަކިން ތަހުނިޔާގެ މެސެޖުތައް ފޮނުއްވާފައެވެ. މި މެސެޖުތަކުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 48 އަހަރު ފުރޭކަން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އިޙްތިރާމާއި، އެއްގޮތް އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ވިޔަފާރިއާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ އިތުރުން ފަންނީ ރޮނގުން ބަންގްލަދޭޝްއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމަށްވެސް އޭގެ ލާބަޔާއި މަންފާ ކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ. ސަރަޙައްދީ ސުލްހަޔާއި ހަމަޖެހުމަށް ދެ ގައުމުންވެސް އިސްކަންދޭކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަޔާއި ތަނަވަސްކަމަށް ރައީސް އެދިވަޑައިގަތެވެ.
ބަންގްލަދޭޝްގައި ގިނަ އަހަރުތަކެއް ވަންދެން އޮތް ޝައިޚް ހަސީނާގެ ވެރިކަން ޒުވާނުން ނުކުމެ ވައްޓާލުމާ ގުޅިގެން، އެ ގައުމުގައި އާ ސަރުކާރެއް ވަނީ އެކުލަވާލާފައެވެ. މިދިޔަ މަހުގެ 12 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައި ބޮޑުވަޒީރު ތާރިގް ރަޙްމާން މިދިޔަ މަހުގެ 17 ވަނަ ދުވަހު މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ބަންގްލަދޭޝްއަށް ވަޑައިގެން ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ