149 ކިލޯގެ ޑްރަގްގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

149 ކިލޯގެ ޑްރަގްގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 04:26
0

ގދ. ހުޅުވާރުލުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ކުރި ދައުވާ ގދ. ގައްދޫ ކޯޓުން ބޭރުކޮށްކޮށްލި މައްސަލަ އިސްތިއުނާފު ނުކުރާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޚަބަރު އޮންލަނަށް މައުލޫމާތު ދެއްވި ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލި ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރާނެ ކަމަށެވެ. އެކަމަކު އެކަމާ ގުޅިގެން އަޅަންޖެހޭ އެހެން ފިޔަވަޅުތައް ދިރާސާކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވާއިރު، މިމައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި މިމައްސަލައިގެ އިހުމާލުތަކުގެ މައްސަލަ ބަލައި ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި އިއްޔެ ވާނީ މަޖިލީހަށް މައްސަލަ ހުށަހަޅާފައިކަމަށެވެ. އަދި ކޮމިޓީން މިމަސައްކަތް ކުރައްވާނެކަމަށް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ.

ފަހުގެ ތާރީޚެއްގައިި ރާއްޖެ އިން އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުޅުވާރުލުން އަތުލައިގަތީ އޭޕްރީލް، 2019 ގައި ގައްދޫގައި ވަޅުލާފައި ހުއްޓައެވެ. ގދ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދި ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 5 މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ގދ ފަޅުރަށެއްކަމަށްވާ ގދ ހުޅުވާރުލުގައި ވަޅުލާފައި ހުރި މަސްތުވާތަކެތި ފުލުހުން ހޯދީ 2019 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ފަހުކޮޅުއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ފަސްމީހުންގެ ތެރެއިން އެކަކުވަނީ ދޫކޮށްލާފައެވެ. އަނެއް 4 މީހުންވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެެއްޓުމަށް އަމުރުކޮށްފައެވެ.

މީގެތެރެއިން 4 މީހެއްގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަނެއް މިހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައު ދައުވާ އުފުލާފައިވަނީ ގދ ގައްދޫ އެދުރުގެ އުމުރުން 25 އަހަރުގެ ޔާމިހް ހާލިދާއި ހަމަ އެގޭ އުމުރުން 42 އަހަރުގެ އަހްމަދު ހަލީމާއި ގއ ކޮނޑޭ ރޮމޭންސް އުމުރުން 35 އަހަރުގެ ޝަފީޒު މުހައްމަދާއި ގއ ނިލަންދޫ އުމުރުން 35 އަހަރުގެ އަލީ ޝާކިރާއި ގއ ކޮނޑޭ ގަހާކޯޅި އުމުރުން 34 އަހަރުގެ އަހްމަދު އަނިލްއެވެ.

ފަޅު ރަށުގައި ވަޅުލާފައި ހުއްޓާފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނި ހެރޮއިން އާއި ކެނެބިސްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަންތިރި
މޮޅު މީހެއް ޕީޖީ އަކަށް ލާފަ މިހުރީ