އަންނަ މަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން އާންމުންނަށް އިލްމީ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، ޕޮލިސީ އެމްވީގެ ފަރާތުން "ސިޔާސާތު ޚާއްސަ" ގެ ނަމުގައި ޚާއްސަ ފޯރަމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ޤާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާޙާއެކު ދައުލަތާއި ޤައުމުގެ މިސްރާބަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދިނުމަށް އަމާޒުކޮށްގެން ބާއްވާ މި ފޯރަމް އޮންނާނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ. އާންމުންނާ ހަމައަށް މި ފޯރަމް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުންނެވެ.
މި ފޯރަމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ދުސްތޫރީ އަދި ޤާނޫނީ ނަޒަރަކުން ފެންނަ ނުފެންނަ ވޯޓުގެ މައްޗަށެވެ. މި ދާއިރާއިން ވާހަކަދައްކަވައި މައުލޫމާތު ހިއްސާކުރައްވާނީ ޤާނޫނީ ދާއިރާގެ ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށްވާ އަލްއުސްތާޛާ ދިޔާނާ ސަޢީދާއި އަލްއުސްތާޛް އަލީ ހުސައިނެވެ. ހަމައެހެންމެ، މި އިސްލާޙުގެ ސަބަބުން ދައުލަތް ހިންގުމާއި މާލީ ނިޒާމަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރާއި އަޙްމަދު މުޙަންމަދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ.
ޕޮލިސީ އެމްވީން މައުލޫމާތުދޭ ގޮތުގައި، އިލްމީ އަދި ފަންނީ މައުލޫމާތުގެ އިތުރުން މި ފޯރަމްގެ ތެރެއިން މިކަމާ ގުޅޭގޮތުން ތަފާތު ދެ ޖީލެއްގެ ޚިޔާލުވެސް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެއެވެ. މިއީ މިފަދަ ބޮޑު ދުސްތޫރީ ބަދަލަކާމެދު ގޮތް ނިންމުމުގެ ކުރިން، ސައްޙަ މައުލޫމާތުގެ އަލީގައި ވޯޓުލުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
ކޮމެންޓު ފޮނުވާ