ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ޑރ. އަބްދުﷲ ޝިހާމް ހަސަން ހާމަކުރައްވައިފިއެވެ. ޑރ. ޝިހާމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޑރ.ޝިހާމްއަކީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަން ކަން ކުރިން ކުރެއްވި އަދި ދީނީ ރޮނގުންވެސް މަތީ ތަޢުލީމާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޑރ.ޝިހާމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ އަމިއްލަގޮތުންކަމަށެވެ.
ޑރ. ޝިހާމް ވަނީ 2018 ވަނަ އަހަރުގެ އިންތިހާބުގައި ވެސް ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރާނެ މާހައުލެއް ނެތްކަމަށް ވިދާލުވެ އެ އިންތިޚާބުގައި ވާދަކުރައްވާފައެއް ނުވެއެވެ.
އިސްލާމިކް މިނިސްޓްރީގައި ގައުމީ ޔުނިވާސިޓީގައި މަސައްކަތްޕުޅު ކުރައްވާފައިވާ ޝިހާމް ވަނީ ފިގުހު އެކަޑަމީގެ މެމްބަރުކަން ހަތަރު އަހަރު ކުރައްވާފަ އެވެ. އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބަށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ގާނޫނީ ލަފާ ދެއްވެވި ޝިހާމަކީ ފަރިތަކޮށް އަރަބި ބަހުން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ