ރިޒް ކުންފުނީގައި ޤަވާއިދާާއި ޚިލާފަށް ބިދޭސީން ގެންގުޅުނު މައްސަލާގައި އެކުންފުނީގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ވިދާޅުވީ، ރިޒް ކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލާގައި ދަޢުވާކުރުމަށް މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ. ރިޒް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ ކުންފުންޏެވެ.
ބ.އަތޮޅުގައި ރިޒޯޓެއް ތަރައްޤީ ކުރަމުން ދިޔަ ބޮޑު ފިނޮޅުގައި މަސައްކަތްކުރި ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލާގައި ބިދޭސީން ވަނީ އެރަށުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދިވެހިންތަކެއް ރަހީނުކޮށްފައެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ އެރަށަށް ފުލުހުން ދިޔައިރު 198 ބިދޭސީން ތިއްބެވެ. އޭގެ ތެރެއިން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދީ ގެންގުޅުނު މައްސަލާގައި އެކުންފުންޏަށް ދައުވާކުރަން ފޮނުވާފައިވާއިރު، އެކުންފުނީގައި މަސައްކަތްކުރާ ބިދޭސީންނަށް ހަ މަސްވަންދެން މުސާރަ ނުދީ މަސަކަތްކުރުވާފައިވާކަން ކޯޓުގައި އެމީހުން ދެއްކި ވާހަކަތަކުން ވަނީ އެނގިގެންގޮސްފައެވެ. މިއީ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފު ކަމެކެވެ. އުޖޫރަނުދީ ގިނަ އަދަދެއްގެ ބިދޭސީން ފަޅުރަށެއްގައި ގެންގުޅުނުއިރު އެމީހުން މުސާރަ ހޯދަން ކުރި މަސައްކަތާ ދެކޮޅަށް ބައެއް ދިވެހިން ބިދޭސީންނަށް ބިރުދައްކައި މަރުގެ އިންޒާރު ދީފައިވާ ކަމަށާއި އެކަން ކުރުވީ ތުޅާދޫން "ޕާޓޭން" އެރަށަށް އަރުވައިގެން ކަމަށް ބައެއް ބިދޭސީން ބުނެފައި ވެއެވެ. ބޮޑުފިނޮޅުގައި ގެންގުޅުނު ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް އެމީހުންނާމެދު ހިންގާފައިވާކަން ފުލުހުންނަށް ވަނީ ތުހުމަތުކޮށްފައެވެ.
މިބިދޭސީން އެރަށަށް ގެންގޮސް އެމީހުން ލައްވާ މަސައްކަތްކުރުވި ރިޒް ކުންފުނިން މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާއިރު ބިދޭސީންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ ކަން ވަނީ އެނގިފައެވެ. އޭގެ އިތުރުން އެ ބިދޭސީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބެލެވޭނެ ކަންކަން ކޮށްފައިވާ ކަމަށާއި އެކަމުގެ ތުހުމަތު ރިޒް ކުންފުނީގެ މައްޗަށް ކުރެވޭކަން ފުލުހުން ވަނީ ހާމަ ކުރައްވާފައެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވެ، ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެކޮށްފައިވަނީ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުންނެވެ. އެނގިފައިވާ ގޮތުގައި އެރަށުގައި މަސައްކަތްކުރުމަށް ރިޒް ކުންފުނިން ސަބް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ބިދޭސީންތަކެއް ރާއްޖެ އެތެރެކޮށްފައިވެއެވެ.
ބޮޑުފިނޮޅުގެ މި ހަމަނުޖެހުން އިތުރަށް ތަހްގީގުކުރުމުގެ ތެރެއިން ހާމަވި އަނެއް ކަމަކީ ރިޒް ކުންފުނިން ބިދޭސީ މަސައްކަތްތެރިން ހޯދާފައިވާ ގޮތެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައިގެން އެމީހުންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށަށް ގެންގޮސް ގެންގުޅޭކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތައް ގެންގުޅޭ ބިދޭސީންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ޤާނޫނާ ޚިލާފަށް މަޖުބޫރުކުރުވައިގެން މަސައްކަތް ކުރަމުން ގެންދިޔަ ކަން ފުލުހުން ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި އެފަދަ ގޮތަކަށް މަސައްކަތްކުރުވުމަށްފަހު ވެސް އެމީހުނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން ގެންގުޅެފައިވާއިރު މުސާރަ ނުދީ 6 މަސްދުވަހު ގެންގުޅުނުކަމަށް ރިޒް ކުންފުނިންވެސް އެއްބަސްވެއެވެ.
ބިދޭސީންނަށް މުސާރަ ނުދެވުނީ އެރަށުގެ ވެރިފަރާތްކަމަށްވާ ސީލް މޯލްޑިވްސް އިން ދޭން ޖެހޭ ފައިސާ އެކުންފުންޏަށް ނުދީގެން ކަމަށް ބުނި ނަމަވެސް އެއީ ބިދޭސީންތަކެއް އެގޮތައް ގެންގުޅެން ޖެހޭ ހުއްޖަތެއް ނޫނެވެ. ބިދޭސީންނަށް ދޭން ޖެހޭ މުސާރަ ސީދާ ދޭން ޖެހޭ ބަޔަކީ ރިޒް ކުންފުނިންކަން އެ ދެ ފަރާތުން ވެފައިވާ އެއްބަސްވުންތަކުން އެެނގެއެވެ.
ކޮމެންޓު ފޮނުވާ