ވ. ފެލިދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލައި މީހެއްގެ އަތް ބުރިވި

ވ. ފެލިދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލައި މީހެއްގެ އަތް ބުރިވި

Author
އަހުމަދު
21 މާރޗް 2026 07:56
0

ވ. ފެލިދޫ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުންޖަހާލައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މީހެއްގެ އަތް ބުރިވެ، ކަނޑަށް ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ލޯންޗުގައި ތިބި 7 މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައެވެ. މި ހާދިސާގައި އަތް ބުރިވެ ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެން މީހާ އިތުރު ފަރުވާއަށް މިއަދު ވަނީ އިންޑިއާއަށް ފުރާފައެވެ. މީގެ އިތުރުން އިތުރު ފަރުވާއަށް އިއްޔެ އިންޑިއާއަށް ގޮސްފައިވާ ދެ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފިރިހެނަކާއި އިނގިރޭސިވިލާތުގެ އަންހެނެކެވެ. އަދި ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި، މި ހާދިސާ ހިނގި ވަގުތު ލޯންޗުން ކަނޑަށް ވެއްޓިފައިވަނީ ޖުމްލަ ފަސް މީހުންނެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. އޭގެ ތެރެއިން ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިވެސް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ބަންޑުން ޖަހާލި މި ލޯންޗަކީ އިންޑިއާގެ މަޝްހޫރު ރޭމަންޑް ގުރޫޕްގެ ޗެއާމަން، ބިލިއަނަރު ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޔޮޓް "ޓީޓީ އަޝޭނާ" ގައި ބޭނުންކުރާ ލޯންޗެކެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.